ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރުމަށް ސަރުކާރުން ނިންމީ ކުންފުނިތަކުގައި ހަކަތަ މެނޭޖް ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި އެކިއެކި މައްސަލަތަކުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭނެތީކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ނިންމުމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އެއީ ކަރަންޓުގެ އަގު ކުޑަކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން ކަރަންޓުގެ އެކި ބޭންޑުތަކަށް އެކި އަދަދުތަކަށް ކަސްޓަމަރުން ގިންތި ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެއިން ކޮންމެ ބޭންޑަކުންވެސް މިހާރު ވަނީ ޓެރިފް ކުޑަކުރުމަށް ނިންމާފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގައި ހަކަތަ މެނޭޖް ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި އެކިއެކި މައްސަލަތަކުގެ ބުރަ ރައްޔިތުން އުފުލާކަށް ނުޖެހޭނެ ކަމަށެވެ. ސަރުކާރެއްގެ ބޭނުމަކީވެސް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށާއި، ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ އެ އަމާޒުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝިއަންސީ ނޫނީ ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖް ކުރުމުގައި ހުރި މައްސަލަތަކެއްގެ ބާރޑަން ރައްޔިތުން ނަގާކަށް، ސަރުކާރެއްގެ ބޭނުމަކީވެސް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން
މި ބަދަލާއެކު ކުންފުނިތަކަށް އަންނާނެ ގޮންޖެހުންތަކުން އަރައިގަނެ އެކަންކަން މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ސަރުކާރުން އަޅަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކުރައްވާނީވެސް ދެމެހެއްޓެނިވި ގޮތެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރަހައްދުތަކުގައި، ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ މަހުގެ 1 އިން ފެށިގެން ދަށްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، 0-100 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގަމުންދާ 1.50 ރުފިޔާގެ ރޭޓު 1.25 ރުފިޔާއަށް ދަށްކުރެވޭނެއެވެ. އަދި 101-200 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގާ 1.70 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ދަށްކުރެވޭނެއެވެ. މީގެ އިތުރުން 201-300 އަދި 301-400 ޔުނިޓުގެ ބޭންޑުތަކުގައި މިހާރު ނަގަމުންދާ 2.15 އަދި 2.50 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ދަށްކުރެވޭނެއެވެ.
އަދި 401-500 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގާ 2.95 ރުފިޔާގެ ރޭޓު 2.66 ރުފިޔާއަށް ދަށްކުރެވޭނެއެވެ. 501-600 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގާ 3.55 ރުފިޔާގެ ރޭޓު 3.20 ރުފިޔާއަށް ދަށްކުރެވޭނެއެވެ. އަދި 600 ޔުނިޓަށްވުރެ މަތީގެ ބޭންޑުގައި މިހާރު ނަގާ 4.25 ރުފިޔާގެ ރޭޓު 3.83 ރުފިޔާއަށް ދަށްކުރެވޭނެއެވެ.
ކަމާ ބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ކަނޑައަޅާފައިވާ ހަތް ބޭންޑުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންކަމުން މި ގެނެވޭ ބަދަލާއެކު ގޭބިސީތަކުގެ ކަރަންޓު ބިލަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މިދިޔަ ދެ ރޯދަ މަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވާފައިވުމެވެ. އޭގެ ސަބަބުން ގޭބިސީތަކުގެ ބިލްތައް ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. އޭގެ ތެރެއިން ފުރަތަމަ އަހަރަކީ އިގްތިސާދީ ގޮތުން ރާއްޖެ ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި ދެއްވި ލުޔެކެވެ.
ކަރަންޓުގެ އަގުހެޔޮކުރަން ނިންމީ ކުންފުނިތަކުގެ ހިންގުމުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭނެތީ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ