ހުކުމުގެ ކުރިން އިހުސާނަށާއި ރައީސް މުއިއްޒަށް ޝައްމާންގެ ބޮޑެތި ތުހުމަތުތަކެއް!

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝައްމާން ވަޙީދުގެ މައްޗަށް ހުކުމް ކުރުމަށް ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމާއި ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭނާ ރައީސްއަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާނަށް ކުރައްވައިފިއެވެ.
”އެކްސް“ގައި ކުރެއްވި ސިލްސިލާ ޕޯސްޓްތަކެއްގައި ޝައްމާން ތުހުމަތުކުރެއްވި ގޮތުގައި، ރާއްޖޭގެ މައި ބޯޑަރު ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ”ވިއްކާލާފަ“އެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމުން އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމަށް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާއާ އެކި ފަހަރު މަތިން މުއާމަލާތް ކުރެއްވިއެވެ. އެންމެ ފަހުން ކުރެއްވި މުއާމަލާތުގައި، މިކަމުގައި ”ދެން އިތުރު ބަދަލެއް ނާންނާނެ“ ކަމަށް ރައީސް ވިދާޅުވި ކަމަށާއި، އެކަމާ ގުޅިގެން އިތުރަށް މަސައްކަތް ނުކުރުމަށް އިންޒާރު ދެއްވި ކަމަށްވެސް ޝައްމާން ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ބޯޑަރު ކޮންޓްރޯލް ސިސްޓަމާ ގުޅޭ ބޮޑު ޖިނާއީ އޮޕަރޭޝަނެއްގައި ހޯމް މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެވަޑައިގަންނަވާ ކަމަށް ޝައްމާން ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ހެކިތައް އޭނާގެ ފޯނުގައި ހުންނާނެ ކަމަށާއި، ނަމަވެސް އެ ފޯނު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓާ ގުޅޭގޮތުން ޝައްމާން ވިދާޅުވީ، ކޯޓާއެއް ދޫކުރުމަށް 8،000 ރުފިޔާ އަދި ބަންގްލަދޭޝް މީހުންނަށް ހުއްދަ ދިނުމަށް މީހަކަށް 1,800 އެމެރިކާ ޑޮލަރު ނަގަމުންދާކަމުގެ މައުލޫމާތާއި ހެކި 16 ޖެނުއަރީ 2025 ގައި ރައީސް މުއިއްޒުއަށް ހިއްސާކުރެއްވި ކަމަށެވެ. އެވަގުތު އެސްޓޯނިއާގައި ހުންނެވި ރައީސް ޖަވާބުގައި ވިދާޅުވީ، ޝައްމާން މިނިސްޓަރު އިހުސާން ދެކޮޅަށް މަސައްކަތް ކުރައްވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިނިސްޓަރު އިހުސާން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އޭނާގެ ޕޯސްޓުތަކުގައިވެއެވެ.
މިކަމާ ގުޅޭގޮތުން ޝައްމާން ވިދާޅުވީ، އޭނާ ދެއްވި މައުލޫމާތަކީ ތެދު ކަމަށްވާނަމަ އެކަން ތަހުގީގުކުރަން ޖެހޭނެކަމަށާއި، ”ވަފާތެރިކަމަކީ މިއީ ނޫން“ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިކުރިޔަސް، މާތްﷲ އިރާދަކުރެއްވި ގޮތް ނޫން ގޮތެއް ނުވާނެ ކަމަށާއި، ޖަލުން ސަލާމަތްވެގެން ނުކުންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ