ފިޔަވަޅުތަކާއެކު، ދުންފަތުން ސަލާމަތްވާން ފަހި ފުރުޞަތުތަކެއް!

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ސިއްޙީ އެތައް ގެއްލުމަކާއި، ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކުރިމަތިލާންޖެހޭ ކަމެކެވެ. ރާއްޖޭގައި އިތުރުވަމުންދާ ގައިންގަޔަށް ނާރާ ގިނަ ބަލިތައް ފެތުރުމުގެ ސަބަބުތަކުގެ ތެރޭގައި އެއް ސަބަބަކީވެސް ދުންފަތުގެ އިސްތިއުމާލުކުރުންކަމަށް ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ. އާބާދީގެ %23 މިވަބާގައި ޖެހިފައިވާއިރު ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި ނިޔާވާ މީހުންގެ ޢަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ތިމާ ދުންފަތުގެ އިސްތިއުމާލުކުރިނަމަވެސް، ތިމާގެ ދަރިންނާއި ހެޔޮ އެދޭ މީހުން އެވަބާއިން ދުރުހެލިވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޞިއްޙީގޮތުން ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހެއެވެ. ނޭވާލާ ނިޒާމާއި ފުއްޕާމޭގެ އެކި ބަލިތަކާއި، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކަށް އިންސާނުން ހުށަހެޅޭ އެންމެ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑުކަން ޞިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ނިކޮޓިންގެ ސަބަބުން ކުޑަކުދިން ޑިޕްރެޝަން، އެންޒައިޓީ ފަދަ ކަންކަމަށް ހުށަހެޅި، ބޮޑުވަރުވުމުގެ ފުރުޞަތު އިތުރުވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރަށް ސެކަންޑް ހޭންޑް ސްމޯކް ނުވަތަ ދުންފަތުގެ ދުމަށް ހުށަހެޅުމުގެ ސަބަބުންވެސް ކުޑަކުދިންނަށް ވަރަށް ބޮޑެތި ޞިއްޙީ މައްސަލަތައްވެސް ކުރިމަތިވެއެވެ. މީގެ ތެރޭގައި ނޭވާލާ ނިޒާމުގެ އުނދަގޫތަކާއި ހަމުގެ މައްސަލަތައް ފަދަ ކަންކަން ފާހަގަ ކޮށްލެވެއެވެ.
ސިނގިރެޓް ބުއިމާއި އެހެނިހެން ގޮތްގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ގިނަ ފަހަރު ދިގު މުއްދަތަކަށް އެއަށް ބަރޯސާވެވޭގޮތް މެދުވެރިވެވެއެވެ. އަދި މިކަން ހުއްޓާލުމުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ރުޅިއައުމާއި، ކަންބޮޑުވުމާއި، އަދި ވަރަށް ގަދައަށް އެކަމަށް ދެވިހިފުން ފަދަ ކަންކަން ހިމެނޭކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ދުންފަތާއި ދުރު މުޖްތަމައުއެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ދަނީ ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އޭގެތެރެގައި ޖެނެރޭޝަނަލް ބޭން ފާހަގަކޮށްލެވެއެވެ. މި ބޭންގެ ސަބަބުން 2007ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ކުދިންނާއި އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވާފައިވަނީ 1 ނޮވެމްބަރ 2024 ގައެވެ. ދުންފަތުގެ ވިޔަފާރީ ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން ދުންފަތުގެ އިސްތިމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުންނާއި ސިނގިރޭޓުން ޑިއުޓީ ނަގާގޮތައް އޮތް އޮތުމަކީވެސް ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. އަދި މިއަހަރުގެ ޖުލައި 28އިން ފެށިގެން ދުންފަތުގެ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ، ޞިއްޙަތުގެ އިންޒާރު ޖަހައިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ ފަދަ ސަރުކާރުގެ އިދާރާތަކުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހިލޭ ހެލްޕްލައިންތަކާއި އޮންލައިން ވަސީލަތްތައް ފޯރުކޮށްދެއެވެ. ހަމައެހެންމެ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގެ 3 ހޮސްޕިޓަލަކުންދެއެވެ. އަދި އަތޮޅުތަކުގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.
ދުންފަތުގެ ވަބާއިން އަމިއްލަ ނަފްސު ސަލާމަތް ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރުމަކީ މުހިންމުކަމެކެވެ. އަދި މި އާދައިން ސަލާމަތްވުން އެހާ ފަސޭހަކަމަކަށް ނުވިނަމަވެސް، ވަރުދަގަ އަޒުމަކާއި، ރަނގަޅު އެހީތެރިކަމާއި، ވަސީލަތްތަކާއެކު މި އާދައިން ސަލާމަތްވުމަކީ ކުރެވޭނެ ކަމެއްކާމެދު ޝައްކެއްވެސްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ