އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައިވާ "އޯކަސް" އަސްކަރީ އިއްތިހާދުގެ ދަށުން، ކަނޑުއަޑީގެ ކޭބަލްތައް ރައްކާތެރި ކުރުމަށާއި ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ކަނޑުއަޑީގައި ދުއްވާ ޑްރޯން ޓެކްނޮލޮޖީ ތަރައްގީކުރަން ނިންމައިފި އެވެ.
އިންސާނުންނާ ނުލައި ކަނޑުއަޑީގައި ދުއްވާ މި އުޅަނދުތައް (ޔޫޔޫވީ) އަންނަ އަހަރުގެ ނިޔަލަށް ތައްޔާރުވާނެ ކަމަށް ބެލެވެ އެވެ. މި މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދު ހާމަކޮށްފައި ނުވި ނަމަވެސް، އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ޖޯން ހީލީ ވިދާޅުވީ އެ ގައުމުން މި މަޝްރޫއަށް 150 މިލިއަން ޕައުންޑް (201 މިލިއަން ޑޮލަރު) ހޭދަކުރާނެ ކަމަށެވެ.
ސިންގަޕޫރުގައި ބޭއްވި ސަލާމަތީ ސަމިޓެއްގައި ތިން ގައުމުގެ ދިފާއީ ވަޒީރުން މިކަން އިއުލާންކުރައްވާފައި މި ވަނީ، އޯކަސް އިއްތިހާދުގެ މަޝްރޫއުތައް ކުރިއަށްދާ ދުވެލި މަޑުކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން 2021 ވަނަ އަހަރު އުފެއްދި އޯކަސް ދިފާއީ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ނިއުކްލިއާ ސަބްމެރިން ތަރައްގީކުރުމާއި އަސްކަރީ ތަޖުރިބާ ހިއްސާކުރުމެވެ.
މި އިއްތިހާދަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ކަނޑުގެ ބާރުގަދަވަމުންދިއުމާއި، ދެކުނު ޗައިނާ ކަނޑު ފަދަ މައްސަލަޖެހިފައިވާ ސަރަހައްދުތަކުގައި އުފެދިފައިވާ ނުތަނަވަސްކަމާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
ކަނޑުއަޑީގައި ދުއްވާ ޑްރޯން ޓެކްނޮލޮޖީއަކީ އޯކަސްގެ "ޕިލާ ޓޫ" ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއެވެ. މި ބައިގެ ދަށުން ބައިވެރިވާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަނީ ދުރު ރާސްތާގެ ހައިޕަސޮނިކް މިސައިލާއި، ކަނޑުއަޑީގެ ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ "ކުރިއަރާފައިވާ ގާބިލްކަން" އިތުރުކުރުމަށެވެ.
ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އާ މަޝްރޫއުގެ ދަށުން ކަނޑުގެ އަޑީގައިވާ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށާއި، ހަމަލާދިނުމަށާއި، ފާރަވެރިވުމަށާއި، މައުލޫމާތު އެއްކުރުމުގެ އިތުރުން ލޮޖިސްޓިކްސް އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭނެ އެންމެ ޒަމާނީ ސިސްޓަމްތައް ޔޫޔޫވީތަކަށް ތަރައްގީކުރާނެ ކަމަށެވެ.
މިކަން އިއުލާންކޮށްފައި މިވަނީ، އިނގިރޭސިވިލާތުގެ އުތުރުގެ ކަނޑުތަކުގައި ހުރި ކޭބަލްތަކާއި ހޮޅިލައިންތަކަށް އަމާޒުކޮށް ރަޝިޔާއިން ސިއްރު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ހީލީ ތުހުމަތުކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް މޮސްކޯއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މީގެ އިތުރުން، ޓައިވާން ވަށައިގެންވާ ކަނޑުގެ ސަރަހައްދާއި ސްވިޑަންގެ ސަރަހައްދުގައި ހުރި ކަނޑުއަޑީގެ ކޭބަލްތަކަށް ޗައިނާގެ އުޅަނދުތަކުން ގެއްލުން ދީފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.
އެމެރިކާ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުން ކަނޑުއަޑީގެ އެންމެ ޒަމާނީ ޑްރޯން ޓެކްނޮލޮޖީ ތަރައްގީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ