ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، މިހާރު ހުރި ވަސީލަތްތަކުން އެ ”ވޯކްލޯޑް“ ކޭޓާ ނުކުރެވޭކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ނަފްސާނީ ބަލިތަކާއި ގުޅޭ ފަރުވާގެ ސުވާލު މިނިސްޓަރު ގީލާއަށް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫގެ ސުވާލުގައި ވަނީ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ބިނާކުރަން ނިންމާފައިވަނީ ކޮން ތަނެއްގައިތޯއާއި، އެފަދަ ހޮސްޕިޓަލެއް އެހެން ހޮސްޕިޓަލްތަކާ ވަކިން ހުންނަންޖެހޭ ސަބަބަކީ ކޮބައިތޯއެވެ. އަދި މިފަދަ ހޮސްޕިޓަލެއް މާލެއިން ބޭރުގައި ހުރުމުން ލިބޭނެ ފައިދާއާއި ގެއްލުމާ ގުޅޭގޮތުން އެއްވެސް ދިރާސާއެއް ކުރެވިފައިވާނަމަ، އެކަމުގެ ތަފްސީލު ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
ޖަވާބުގައި ގީލާ ވިދާޅުވީ ނަފްސަނީ ބަލިތަކަށް ހާއްސަކޮށް ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ 10،000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ކަނޑައަޅާފައިވާކަން ހާމަކުރައްވައި މިނިސްޓަރ ވިދާޅުވީ މިފަދަ ހޮސްޕިޓަލެއް ވަކިން ބިނާކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ނަފްސާނީ ބަލިތަކަކީ ވަރަށް ހާއްސަ ފަރުވާތަކެއް ބޭނުންވާ ބަލިތަކަކަށްވެފައި، އެ ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެކި ފަންނުތަކުގެ ސްޕެޝަލިސްޓުންނަކީ ތަފާތު ތަމްރީނުތަކެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭތީއެވެ. މާލޭ ސަރަހައްދުގައި މި ހޮސްޕިޓަލް އެޅުމަށް ނިންމީ ގިނަ ރިސޯސްތައް މިވަގުތު މާލޭގައި ހުރުމާއެކު، ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ އެހެނިހެން ފަރުވާތައް ޖަމާވެފައިވަނީ މާލޭ ސަރަހައްދަށް ވާތީކަމަށް ގީލާ ވިދާޅުވި އެވެ.
ތަފާސްހިސާބުތަކުގެ ތަފްސީލު ދެއްވައި ގީލާ ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުން ފެށިގެން ތިން އަހަރުގެ ތެރޭގައި 70،000 އަށްވުރެ ގިނަ ފަރާތުން ސައިކޭޓްރިސްޓުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މީގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލޭ ސަރަހައްދުންނެވެ. ގީލާ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ނަފްސާނީ ފަރުވާއަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތުމާއި، އެކަމަށް ދެވިފައިވާ އަހައްމިއްޔަތު ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ގޮންޖެހުން ކުރިމަތިވި ކަމަށެވެ.
އައިޖީއެމްއެޗް ގައި ސެންޓަރ ފޯރ މެންޓަލް ހެލްތް ކިޔާ މަރުކަޒެއް ގާއިމް ކުރެވި. އެއީ ވަރަށް މަދު އެނދުތަކަކާއި އެކީގައި ސިއްޙީ ފަރުވާ ދެވޭ. އަދި އެނދުމަތިކުރެވިގެން ފަރުވާ ދެވޭ ކުޑަކުޑަ މަރުކަޒެއް. އެނގިވަޑައިގަންނަވާ ފަދައިން މިވަރުގެ ވޯކްލޯޑް އެއް ނޫނިއްޔާ މިވަރުގެ ޕޭޝަންޓް މެމްބާސް ކޭޓަރ ކުރެވޭފަދަ ގޮތަކަށް ނޫން މިވަގުތު ސެންޓަރ ފޯރ މެންޓަލް ހެލްތްގެ މި މަރުކަޒު މިވަގުތު ހުރީކީއެއް.
ގީލާ ވިދާޅުވީ މިހާރު އައިޖީއެމްއެޗްގައި ގާއިމްކުރެވިފައިވާ ސެންޓަރ ފޯ މެންޓަލް ހެލްތަކީ ވަރަށް މަދު އެނދުތަކަކާއެކު އެނދުމަތިކޮށްގެން ފަރުވާ ދެވޭ ކުޑަ މަރުކަޒެއް ކަމަށެވެ. އަދި ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދަށް ބަލާއިރު، އެ މަރުކަޒަށް މި ”ވޯކްލޯޑް“ ކޭޓާއެއް ނުކުރެވޭކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އަތޮޅުތެރޭގައި ވެސް ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ނަފްސާނީ ބަލިމީހުންނަށް ބޭނުންވާ ހާއްސަ ބޭސްތައް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ސަމާލުކަންދޭކަމަށް ވިދާޅުވި އެވެ.
ގީލާ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބައެއް ބޭސްތަކަކީ ވަކި ހާއްސަ އުސޫލުތަކަކުން، ކޯޓާ ކަނޑައެޅިގެން ރާއްޖެ އެތެރެކުރާ ބޭސްތައް ކަމަށެވެ.
”ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އަދަދު އިތުރުވެ، އައިޖީއެމްއެޗަށް ވޯކްލޯޑު ކޭޓަރ ނުކުރެވޭ“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ