ކޯމާގައި ތިން އަހަރު: ތައިލެންޑުގެ ޕްރިންސެސް ބަޖްރަކިޓިޔާބާ އަވަހާރަވެއްޖެ

ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ އެންމެ ދޮށީ ދަރިކަނބަލުން ޕްރިންސެސް ބަޖްރަކިޓިޔާބާ، ތިން އަހަރަށް ވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮންނެވުމަށް ފަހު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 47 އަހަރުގެ ޕްރިންސެސް ބަޖްރަކިޓިޔާބާ އަވަހާރަވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 19:48 ގައި ބެންކޮކްގެ ޗުލަލޮންގްކޯން ހޮސްޕިޓަލުގައި ކަމަށް ތައިލެންޑުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޑޮކްޓަރުންގެ ޓީމުން އެންމެ ގާތުން ފަރުވާދެމުން ދިޔަ ނަމަވެސް، އޭނާގެ ހާލުކޮޅު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އޭނާ ކޯމާއަކަށް ވަޑައިގަތީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުއްތާތަކަކާއެކު ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް ހޭފުޅުނެތިގެން ވެއްޓިވަޑައިގަތުމާ ގުޅިގެންނެވެ. ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެކަން ދިމާވީ ހިތަށް ޖެހުނު މައިކޯޕްލާޒްމާ އިންފެކްޝަނެއްގެ ސަބަބުން ހިތުގެ ވިންދު ޖެހުމުގައި މައްސަލަތަކެއް ކުރިމަތިވުމުންނެވެ. އެމެރިކާގެ ކޯނެލް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޕްރިންސެސް ބަޖްރަކިޓިޔާބާއަކީ އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ތައިލެންޑުގެ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމަށާއި، ޖަލުތަކުގައި ތިބޭ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އުމުރުފުޅުން 73 އަހަރުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ޖުމްލަ ހަތް ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ ޕްރިންސެސް ބަޖްރަކިޓިޔާބާއެވެ. ރަސްގެފާނުގެ ފަހުން ތަހުތަށް އިސްކުރާނެ ވަލީއަހުދެއް މިހާތަނަށް ރަސްމީކޮށް ކަނޑައަޅުއްވާފައެއް ނުވެއެވެ. ތައިލެންޑުގެ ސަގާފަތް އޮންނަ ގޮތުން ތަހުތަށް އިސްކުރަނީ ފިރިހެން ބޭފުޅުން ނަމަވެސް، 1974 ވަނަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދަށުން އަންހެން ބޭފުޅަކަށްވެސް ތަހުތަށް ވަޑައިގަތުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ޕްރިންސެސް ބަޖްރަކިޓިޔާބާ ރަނިކަމުގެ ތަހުތަށް އިސްކުރާނެ ކަމަށެވެ. ނަމަވެސް އޭނާ އަވަހާރަވުމާ ގުޅިގެން، ތައިލެންޑުގެ ރަސްކަމުގެ ތަހުތާ ދެން ހަވާލުވާނެ ބޭފުޅަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ތައިލެންޑުގައި އޮންނަ ހަރުކަށި ގާނޫނުތަކުގެ ސަބަބުން، ރަސްކަމުގެ ތަހުތާ ގުޅޭގޮތުން އާންމުކޮށް ބަހުސްކޮށް ވާހަކަދެއްކުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ