ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ވަކިވާން ނިންމި ނިންމުން ބަދަލުކޮށް އަލީ ނިސްތާރު މުޙައްމަދު އެ ކުލަބުގައި މަޑުކުރަން ނިންމައިފިއެވެ.
ހަ އަހަރަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ވަކިވާން ނިންމިކަން ނިސްތާރު ހާމަކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ނިސްތާރު ވަނީ، އެއް ކުލަބެއްގައި އެހާ ގިނަ ދުވަހު ކޯޗެއްގެ ގޮތުގައި ހުރުން އެއީ ރާއްޖޭގައި ފަހަކަށް އައިސް އެހާ އާންމުކަމެއްކަމަށް ނުވާއިރު، ގްރީންއާއެކު ދިގު މުއްދަތެއް ހޭދަކޮށް، ކުރެވުނު ދަތުރަށް ޝުކުރުވެރިވާކަމަށެވެ.
އެހެންނަމަވެސް "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ނިސްތާރު ބުނީ، ގްރީންގައި މިހާރު މަޑުކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ، ކުލަބުގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އެކަމަށް ކުލަބުގެ ވައިސް ޗެއާޕާސަންގެ މުއާވިޔަތު ހަލީލް (މުއާބެ) އެދުމުން ކަމަށެވެ.
އޭނާގެ ދިރިއުޅުމުގައި އައި ދަތި އުނދަގޫ ދުވަސްތަކުގައި މުއާވިޔަތުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އޯގާތެރިކަމަކީ ދުވަހަކު ވެސް އެކަންކަން މަތިން ހަނދާން ނައްތާލެވޭނެ ކަންކަން ނޫންކަމަށް ނިސްތާރު ބުންޏެވެ. އެހެންކަމުން، މުއާވިޔަތު ކަމަކަށް އެދުމުން އެކަން ބޮލާލައި ނުޖެހޭނެކަމަށް ނިސްތާރު ބުންޏެވެ.
ނިސްތާރު އިތުރަށް ބުނީ، ކުލަބު ދޫކޮށް ދާން ނިންމީ ބައެއް މައްސަލަތައް ހައްލުނުވެ، ހައްލުކުރަން އެދުމުން ވެސް އެކަމަށް އެދެވޭ ޖަވާބެއް އޭރު ނުލިބުމުގެ ސަބަބުން ކަމަށް، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިސްތާރު ބުންޏެވެ. އެހެންނަމަވެސް މުއާވިޔަތުއާ ވާހަކަދެކެވި، މި މައްސަލަތަކަށް ހައްލެއް އަންނާނެކަމުގެ އަލި މަގެއް މިހާރު ފެނިފައިވާކަން ނިސްތާރު ހާމަކުރިއެވެ.
ނިސްތާރު ގްރީންގައި މަޑުކުރަން ނިންމާފައިވާއިރު އެ ޓީމަށް ކުރިއަށް އޮތީ ދިވެހި ލީގުގެ ކޮލިފިކޭޝަން ޕްލޭ އޮފް އަށެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ގްރީން ސްޓްރީޓްސް އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅެން އޮތް އެންމެ ފަހު މެޗަށް ހާޒިރުވެފައެއް ނުވެއެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
އެ މައްސަލައިގައި އެފްއޭއެމް އިން ވަނީ ގްރީންއަށް ފިޔަވަޅު ވެސް އަޅާފައެވެ.
ގްރީންގެ ކޯޗުކަމުން ނިސްތާރު ވަކިވާން އޭރު ނިންމީ އެ މަގާމު ފުރާތާ ހަ އަހަރު ފަހުންނެވެ. އެ ޓީމުގެ ކޯޗުކަމާ ނިސްތާރު ހަވާލުވީ 2020 ވަނަ އަހަރުއެވެ. އެއީ ޓީމުގެ ކޯޗުކަމުން އަލީ ސުޒެއިން ވަކިވުމާ ގުޅިގެންނެވެ.
ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ނިސްތާރުގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ގްރީން އިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ އަށްވަނައިގައި އޮވެގެންނެވެ.
ކުލަބުގައި މަޑުކުރަން ނިންމީ ވައިސް ޗެއާޕާސަނަށް ކުރާ އިޙްތިރާމުގެ ސަބަބުން: ނިސްތާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ