ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އިން ގަދަ 32 ޓީމުގެ ބުރުގައި، ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ލުއި ދޭން ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފި އެވެ.
ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަަލޮގަން ފުރަތަމަ ހާފުގައި އެމެރިކާ އަށް ލީޑުނަަގައިދިންއިރު، ދެ ވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބުނެ، ރަތް ކާޑެއް ދެއްކި އެވެ. ބަލޮގަން، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައިން އެރުނީ މުހަރެމޮވިޗްގެ ފައި މައްޗަށެވެ. އެ ފަދަ ފައުލެއް، އާެޖެންޓީނާގެ ތަރި، ލިއޮަނަލް މެސީ، އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނަމަވެސް ފައުލެއް ނުދެއްކި އެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ބަލޮގަން އަށް ދެއްކި މި ރަތް ކާޑާ އެކު، އޭނާ އަށް އެއް މެޗުގެ ސަސްޕެންޝަނަށް އަންނާނެ އެވެ. އެހެންވެ، ގަވާއިދު ބުނާގޮތުން، އެމެރިކާ އިން ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ކުޅޭ މެޗުގައި ބަލޮގަން އަށް ގެއްލޭނެ ކަމަށް ބެލެވުނެވެ.
އެކަމަކު، ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. މި ސަސްޕެންޝަނާ އެއްގޮތަށް ބަލޮަގަން، އަދަބު ތަންފީޒުކުރާނީ، އެ ފަދަ ފައުލެއް ތަކުރާރުކޮށްފިނަމަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލު ޖެހި ބަލޮގަން އަކީ އެމެރިކާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭނުގައި މުހިންމު ކުޅުންތެރިއެކެވެ. ބަލޮގަން އަށް ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެވުމަކީ އެމެރިކާ އަށް ލިބުނު ބޮޑު ހިތްހަަމަޖެހުމެއް ކަމަށް އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ޔޫއެސް ސޮކާ އިން ވަނީ ބުނެފަ އެވެ.
ފީފާ އިން އެމެރިކާގެ ފޯވާޑް ބަލޮގަންގެ ރަތް ކާޑު ސަސްޕެންޝަނަށް ލުއިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ