ވޯލްޑް ކަޕަށް ފަހު އެނބުރި ގައުމަށް ދިޔަ ކޭޕް ވާޑް ޓީމަށް ހޫނު މަަރުހަބާއެއް

ކޭޕް ވާޑް (ޖުލައި 5) - ފީފާ ވޯލްޑް ކަޕެއްގައި ވާދަކުރި އެންމެ ކުޑަ ޖަޒީރާ ގައުމު، ކޭޕް ވާޑް އިން މި ފަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ފަހު އެނބުރި ގައުމަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 
ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ  ކޭޕް ވާޑް އަކީ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު މި ފަހަރު މުޅިން އަލަށް ހޯދި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ ގޮތުން، ކޭޕް ވާޑް، ކުޅުނު އެންމެ ފުރަަތަމަ މެޗުގައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން އަދި އެންމެ ފަހުން ބޭއްވި ޔޫރޯގެ ތަށި އުފުލާލި ސްޕެއިނާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި، ކޭޕް ވާޑް އިން ވަނީ 2-2 އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އުުރުގުއޭއާ އެއްވަރުކޮށްފަ އެވެ. އަދި، ތިން ވަނަ މެޗުގައި ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުކޮށް، ކޭޕް ވާޑުން 32 ޓީމު ކުޅޭ ނޮކައުޓް ބުރަށް ދަތުރުކުރި އެވެ. 
އަލަތު ވޯލްޑް ކަޕްގައި ކުޅެ، ނޮކައުޓް ބުރަށް ދަތުރުކުރުމުގެ ބޮޑު ކުރިއެރުމާ އެކު، ކޭޕް ވާޑުން، ނޮކައުޓް މެޗުގައި ކުޅުނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ އެވެ. އާޖެންޓީނާ އަތްދަށުވެ، ކޭޕް ވާޑް، މުބާރާތުން ކެޓީ އިތުރު ވަަގުތުގެ ދެ ހާފު ކުޅެގެން 3-2 އިން ބަލިވުމުންނެވެ. 
ފުރަތަަމަ ވޯލްޑް ކަޕްގެ ތަޖުރިބާ އަށް ފަހު، ކޭޕް ވާޑުން ވަނީ މިއަދުގެ ވަގުތެއްގައި އެނބުރި ގައުމަށް ގޮސްފަ އެވެ. ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ޓީމަށް މަރުހަބާ ކިޔަން ވަނީ ނުކުމެފަ އެވެ. ވޯލްޑް ކަޕަށް ފަހު ޓީމު އެނބުރި އައިއިރު، އިއްތިފާގުން ނަމަވެސް ދިމާވީ ކޭޕް ވާޑްގެ މިނިވަން ދުވަހާ އެވެ. މިއީ، ޕޯޗުގަލްގެ އަތްދަށުގައި އޮތް ކޭޕް ވާޑް، މިނިވަން ވިތާ 51 ވަނަ އަހަރު ފުރުނު ދުވަހެވެ. 
ކޭޕް ވާޑްގެ ސްޕޯޓްސް މިިނިސްޓަރު، އެންޓޯނިއޯ ޑުއާޓޭ ވިދާޅުވީ، ވޯލްޑް ކަޕްގައި ކުޅެގެން، ކޭޕް ވާޑު ޓީމުން އެ ގައުމުގެ އަގު އުފުލައިދީފި ކަމަށެވެ. އަދި، މިއީ ދުނިޔޭގެ އެތައް ބަޔަަށް އެ ގައުމަކީ އޮތްތަނެއްކަން ވެސް އެނގިގެންދިޔަ މުބާރާތެއް ކަމަށް ޑުއާޓޭ ވިދާޅުވި އެވެ. 
ކޭޕް ވާޑުގެ ކޯޗު، ބުބިސްޓާ ބުނީ، ވޯލްޑް ކަޕްގައި ކޭޕް ވާޑުން ކުޅުނު ހަތަރު މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، އެނގިގެންދިޔަ ކަމަކީ، ކޭޕް ވާޑަކީ ވޯލްޑް ކަޕަށް "އޮޅިގެން" ދިޔަ ޓީމެއް ނޫން ކަމަށާއި އެއީ ހައްގު މަގާމެއްގައި ގޮސް ވާދަކުރި ޓީމެއް ކަމަށެވެ. 
ޕޯޗުގީސުންގެ އަތްދަށުން 1975 ވަނައިގައި މިނިވަންވި، ކޭޕް ވާޑް އިން އެންމެ ފުރަތަމަ ވޯލްޑް ކަޕަކަށް ކޮލިފައިވުމަށް ވާދަކުރީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި އޮތް މުބާރާތަށެެވެ. އޭގެ ފަހުން، ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އައިސް، އެފްރިކަން ކަޕް އޮފް ނޭޝަންސްއެެއްގެ ކުއާޓާ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ކުޅުނެވެ. އެންމެ ފަހުން، ކުޅުނީ 2023 ވަނަ އަހަރުގެ މުބާރާތުގަ އެވެ. ކޭޕް ވާޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބަޔެއްގެ އިހުތިރާމް ހޯދި ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ