އިލާންގެ ލަނޑުތަކުން ބުރު އަތުންވެސް މާޒިޔާއަށް ބޮޑު މޮޅެއް!

19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގައި، އިލާންގެ ލަނޑުތަކުން ބުރު އަތުންވެސް މާޒިޔާ އިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ބުރު އަތުން މާޒިޔާ މޮޅުވީ 7-1 ނެވެ. ފުރަތަމަ ހާފްގައި މާޒިޔާއިން ފަސް ލަނޑު ޖެހިއިރު، ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހެޓްރިކް ފުރިހަމަ ކުރިއެވެ. މާޒިޔާއަށް ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީވެސް އިލާން އެވެ. ދެވަނަ ލަނޑު ޖެހީ އައިދު މުޙައްމަދު ޖަވީޒު އެވެ. އެއީ އަހުމަދު ހަމީސް އަރީފް ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މާޒިޔާގެ ތިންވަނަ ގޯލް އިލާން ޖެހީ ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފަށްފަހު ބަދަލުކުރި އައިދުއެވެ. އޭނާގެ ދެވަނަ ލަނޑު މެދުގައި ޖެހީ ނަގައިދިން ކޯނަރު އޭރިޔާ ތެރޭގައި ހުރެ ބޮލުން ފޮނުވާލައިގެންނެވެ.
އިލާން ހެޓްރިކް ހެދީ ނާޝިއު އަހުމަދު ޝިހާމް ނަގައިދިން ކޯނަރު ބޮލުން ފޮނުވާލައިގެންނެވެ. އިލާން ޖެހި ހަތަރު ވަނަ ލަނޑަކީ ކީޕަރު ދިފާއުކުރުމުން ހުރަސް ދަނޑިމަތިން ބޭރަށް ދަނީކަމަށް ބަލައިގެން ތިއްބާ ގޮސް ގޯލަށް ވަން ބޯޅައެކެވެ. މާޒިޔާގެ ފަހު ގޯލް ޖެހީ އަނޫފް އަބްދުالله އެވެ. އަނޫފްވެސް ލަނޑު ޖެހީ ކޯނަރަކުން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ. ބުރުގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެވެސް އެންމެ ފަހުވަގުތު ޖެހީ އަރުހަމް އަމްޖަދު އެވެ. އެލަނޑާއެކު ރެފްރީ ވަނީ މެޗު ނިންމާލާފައެވެ.
މިމޮޅާއެކު މާޒިޔާ އޮތީ ތިން މެޗުން 7 ޕޮއިންޓާއެކު ގޯލްގެ ފަރަގުން އެއްވަނައިގައެވެ. ދެވަނައިގަވާ އޮޑިއަށްވެސް 7 ޕޮއިންޓް ވަނީ ލިބިފައެވެ. ބުރު އޮތީ ތިން މެޗުން 3 ޕޮއިންޓާއެކުއެވެ. އެއީ އެއް މެޗުން މޮޅުވެގެންނެވެ. މުބާރާތުގައި މާދަމާ ހަވީރު ވާދަކުރާނީ ނިއުރޭޑިއަންޓާއި ކެޔޮދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ