ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ރިސޯޓް ފުޓްސަލް މުބާރާތްް ކަމަށްވާ ރިސޯޓް ލީގުގެ އެންމެ ފޯރިގަދަ އެއް ޒޯން، ބ. ޒޯންގެ ޗެމްޕިއަންކަން، ފިނޮޅު ސީސައިޑް ކަލެކްޝަން މޯލްޑިވްސް އިން ހޯދައިފި އެވެ.
މިއީ، ފިނޮޅުން މި ޒޯނުގެ ޗެމްޕިއަންކަން ހޯދި ދެ ވަަނަ ފަހަރެެވެ. އެ ގޮތުން، ފިނޮޅުން ވަނީ މި ޒޯނުގެ ތަށި 2023 ވަަނަ އަހަރު ވެސް ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގަައި އެ ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަތުން ބަލިވެފަ އެވެ. އަދި، މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް އަނަންތަރާ އަތުން ތަފާތު ބޮޑުކޮށް ބަލިވިއިރު، އޭގެ ފަހުން، ފަސް އެނބުރި ބެލުމެއްނެތި މޮޅު ކުޅުމެއް ދައްކައި، ފައިނަލުގައި، ވައްކަރު މޯލްޑިވްސް 7-1 އިން ބަލިކޮށް، ދެ ވަަނަ ފަހަރަށް ޗެމްޕިއަންކަން ހޯދީ އެވެ.
އަވާނީ+ފަރެސްގައި މި ފަަހަރު ވެސް ބ. ޒޯންގެ މެޗުތައް ހޯސްޓްކުރިއިރު، ފައިނަލް މެޗު ފެށިގެން ތިން މިނިޓް ތެރޭ ފިނޮޅުން ދެ ލަނޑު ޖެހި އެވެ. އެ ޓީމުގެ ކެޕްޓަން، އިބްރާހިމް ނާފިޒު ފުރަތަމަ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަލީ ޝަހީދު އެވެ.
ހަސަން ނާއިލް ދާދޫގެ ލަނޑުން ވައްކަރުން މެޗުގެ ތެެރެއަށް އެނބުރި އައިއިރު، އަލީ ޝަހީދު ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ފިނޮޅަށް އަލުން ދެ ގޯލުގެ ލީޑެެއް ނަގައިދީފަ އެވެ.
ދެ ވަނަ ހާފުގައި، ފިނޮޅުން އިތުރު ހަތަރު ގޯލު ޖެހި އެވެ. އެ ގޮތުން، މި ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، ހަސަން ޝާމް އެވެ. އަނެއް ލަނޑުތައް ޖެހީ އިބްރާހިމް އަފްލާހު އާއި ނާފިޒް އެވެ.
މި ޒޯނުގެ މޮޅު ފަސް ކުޅުންތެރިންނަކީ، ފިނޮޅުގެ ޝާމް، އަފްލާހު އަދި އަލީ ހަމްދާންގެ އިތުރުން ވައްކަރުގެ އީވާން އިބްރާހިމް ޒުބައިރު އަދި ޝާފީ ވަހީދު އެވެ. މި ޒޯނުގެ މޮޅު ކުޅުންތެރިއަކަށް ފިނޮޅުގެ ނާފިޒު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ، ފިނޮޅުގެ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ.
ރިސޯޓް ލީގު ބ ޒޯންގެ ތަށި ދެ ވަނަ ފަހަރަށް ފިނޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ