މާލެ ނޯތު ހާބަރު ސަރަހައްދާ ދިމާލުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ބަނދަރު އަލުން ހުޅުވި ފަހުން ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ.
މަގު ފުޅާވެއްޖެ އެވެ. ޖާގަ ތަނަވަސްވެއްޖެ އެވެ. އެކަމަކު އޭގެ އަގަކީ ފަޅުން ބައެއް ގެއްލުމެވެ. ބަނދަރަކުން ލިބެން ޖެހޭ ބައެއް ހިދުމަތްތައް ނުލިބުމެވެ.
ނޯތު ހާބަރުގެ ޒޯން އޭއިން ބޯޓުފަހަރަކަށް ކަރަންޓެއް ނުލިބެ އެވެ. ފެނެއް ނޭޅެ އެވެ.
ދިގު ކިޔޫއެއްގައި ތިބެ، އެތައް ދުވަސް ބޭކާރުވުމަށް ފަހު ނޯތު ހާބަރާ ކައިރިކުރާ ހިސާބުން އަތޮޅުތަކުން އަންނަ ފަޅުވެރިންނަށް ހުރި ތަކުލީފުތައް އަދި ރަނގަޅަށް ފެށެނީ އެވެ.
މުދާ އުފުލުމަކީ އެމީހުން ކާންބޯން ކުރާ މަސައްކަތެވެ. އަތޮޅުތަކުގައި އުޅޭ މީހުންނަށް ބޭނުންވާ ހުރިހާ ސާމާނެއް އުފުލައިދެނީ މި މީހުންނެވެ. މިއީ ރަށްރަށުގެ ދިރުމާ ސީދާ ގުޅިފައިވާ ބައެކެވެ. އެކަމަކު އެކަން ކުރަން މި ޖެހެނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެގެން ތިބެ އެވެ.
"ރޯދަމަހަށް މިތަން ހުޅުވީ. އަދި މި އުޅެނީ ކަރަންޓު ފަށެއް ދަމާނުލެވިގެން. އަދި ފެނެއް ނުލެވޭ،" 'އަލްމާސް' ބޯޓުން ވާހަކަދެއްކި ހަސަން ޒަރީރު ބުންޏެވެ.
"މެގަ ޕްރޮޖެކްޓެއްގެ ވާހަކައެއް ނޫން މި ބުނީ."
ނޯތު ހާބަރުގެ އެކްސްޕްރެސް ޒޯން (ޒޯން ބީ) އާއި ބޭރު ތޮއްޓަށް (ޒޯން ސީއަށް) ފެނާއި ކަރަންޓު ބަރާބަރަށް ލިބެ އެވެ. އެކަމަކު ބޮޑުތަކުރުފާނުމަގަށް ވާ ގޮތަށް އޮންނަ ތޮއްޓަށް ޒޯން (އޭއަށް) އެ ހިދުމަތްތަކެއް ނުދެ އެވެ.
އެއްގަމު ތޮއްޓަށް ކައިރިކުރާ ބޯޓުފަހަރަށް ކަރަންޓު ބޭނުންކުރަން އޮންނަ ހަމައެކަނި ގޮތަކީ އަމިއްލަ ޖަނަރޭޓަރު ޖެއްސުމެވެ. ފޯނެއް ޗާޖުކުރަން ވިޔަސް، ހޫނުވެގެން ފަންކާ ޖައްސަން ވިޔަސް އެކަން އޮންނާނީ އެގޮތަށެވެ.
"މި ބަނދަރު ހުޅުވައިގެން ކިހާ ދުވަހެއް ވެއްޖެ؟ އަދި މިތަނަށް ފެނެއް، ކަރަންޓެއް ނުލިބޭ. އެކަމަކު ލާރި އެބަ ނަގާ މިތަނުން ވެސް. އޮޑީގެ ސައިޒަށް ބަލާފައި،" 'ފަތުހުއްސަލާމް' ބޯޓުގެ ކައްޕި މުހައްމަދު ނަސީމް ބުންޏެވެ.
"މިހާރު ފެން އަޅަންވީމަ އެކޮޅަށް، ބޭރު ތޮއްޓަށް ދާން ޖެހޭނީ. ކަރަންޓެއް ނެތް. ކިހާ ހޫނެއްގައި މި އުޅެނީ؟ މީޓަރު ބަހައްޓާފައި އެ ހުރީ. ދެން ހަމަ ދޭންވީނު، އާންމުންގެ ފަސޭހައަށް ކަމެއް ކުރާ ނަމަ."
ނަސީމް ބުނީ ކޮންމެ ދަތުރެއްގައި ތިން ހަތަރު ފަހަރު ފެން އަޅަން އޮޑި ނަގައިގެން ބޭރު ތޮއްޓަށް ދާން ޖެހޭ ކަމަށެވެ. ކޮންމެ ފަހަރަކު އެޅެނީ ހަތަރު ވަރަކަށް ޓަނުގެ ފެނެވެ.
މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އެމްޕީއެލްއިން ބުނަނީ އެ މަސައްކަތް ދެން ގާތްގަނޑަކަށް އޮތީ ނިމިފައި ކަމަށެވެ.
"ސީދާ ތާރީހެއް ބުނަން އުނދަގޫ. އެކަމަކު ޔަގީނުން ވެސް މި މަހުގެ ތެރޭގައި ހިދުމަތްތައް ދޭން ފަށާނެ،" އެމްޕީއެލްއިން ވާހަކަދެއްވި އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު މިދިޔަ މާޗުގައި އެމްޕީއެލްއިން ނެރުނު ނޫސްބަޔާނުގައި ވެސް އޮތީ އެކަންކަން ކުރަމުން އަންނަ ކަމަށެވެ.
"ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުއާ އެކު ރައީސް މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް، 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފަ އެވެ،" ނޯތު ހާބަރުން ނަގާ ފީތައް ބޮޑުކުރި ކަމަށް އޭރު ނޫސްތަކުން ޖެހި ހަބަރުތައް ދޮގުކޮށް، އެމްޕީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"މި ކުންފުނިން ދަނީ އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ."
އެ ބަޔާން ނެރުނު ފަހުން ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. މި މައްސަލައިގެ ޝަކުވާ ހިފައިގެން އޮޑިވެރިން ޓަކިނުޖަހާ ދޮރެއް ނެތެވެ. އެކަމަކު އެމީހުންނަށް ވެސް ލިބެނީ އެމްޕީއެލްއިން 'ދައުރު'އަށް ދިން ކަހަލަ ޖަވާބެކެވެ. މި މަހު ހައްލުވާނެ އެވެ. "މާދަމާ ތިކަން ހަމަޖެހޭނެ" އެވެ.
"މިއީ ވަރަށް ބޮޑު ދައްޗެއް. ސިޓީ ކައުންސިލަށް ދިޔައިން. އެއް ފަހަރަކު ދެ ފަހަރަކު ނޫން، ބައިވަރު ފަހަރު. އެމްޕީއެލްއަށް އަންނަ ކޮންމެ ސީއީއޯއަކާ ބައްދަލުކުރަން. ހައްލެއް ނާދޭ،" ޒަރީރު ބުންޏެވެ.
"ބައްދަލުކުރީމަ ބުނާނެ އޯކޭ، މާދަމާ ހަމަޖައްސާނަން. އެ ނިމުނީ، އަޅައެއް ވެސް ނުލާނެ. މި އޮޑިވެރިންނާއި ބޯޓުފަހަރުގެ ކައްޕިން ގޮސްގެން އެމްޕީއެލްގެ ސީއީއޯ އާއި އޭގެ ދަށް ލެވެލްގެ ބޭފުޅުންނާއި އެޗުއޯޑީންނާ ބައްދަލުކުރިން. ސިޓީ ކައުންސިލަށް ގޮސް މޭޔަރާއި ޑެޕިއުޓީ މޭޔަރާ ވާހަކަ ދެއްކިން."
ނޯތު ހާބަރުގެ ތިން ޒޯނަށް ވެސް އޮޑިފަހަރު ކައިރިކުރަނީ ފީތައް ދައްކައިގެންނެވެ. ފެނާއި ކަރަންޓަކީ އޭގެ ބޭރުން އަގެއް ދައްކައިގެން ލިބޭ ހިދުމަތްތަކެކެވެ. މައްސަލައަކީ އަގެއް ދީގެން ވެސް އެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތެއް ނެތީމަ އެވެ.
"އަހަރެމެން ކޮންމެ ދަތުރަކަށް ދައުލަތަށް 5،000 - 6،000ރ. އެބަ ދައްކަން ޖެހޭ. ބަނދަރުގެ ފީތަކަށް. ދިހަ، ބާރަ ހާސް ދައްކާ މީހުން ވެސް އުޅޭނެ. އެއީ ބޮޑެތި ބޯޓުފަހަރު،" ޒަރީރު ބުންޏެވެ.
"މިތަނުން ނުފެރޭނެ ބަނދަރަށް ދައްކަން ޖެހޭ ފައިސާ އެ ޕޯޓަލް ތެރެއިން ދެއްކުމަށް ފަހު ނޫނީ. ފުރައިފިއްޔާ ދެން ނުއެއް އާދެވޭނެ."
އެކަމަކު މިސާލަކަށް ރަށަކުން އަންނަ މަގުމަތީގައި ހަނދާން ނެތިފައި އޮއްވާ ސަލާމަތީ ސެޓްފިކެޓުގެ މުއްދަތު ހަމަވީ އެވެ. އެ އޮޑިއެއްގައި ބޯނެ ފެންފޮދެއް ނެތަސް، ކައްޕިން ބުނާ ގޮތުގައި، މާލެއާ ކައިރިކޮށްލާކަށް ލާހިކެއް ނޫނެވެ. ބައެއް އަސާސީ ހައްގަކަށް ވުރެ އެމްޕީއެލްއަށް މުހިންމީ އެ ސެޓްފިކެޓެވެ.
ޝަކުވާއެއް ނެތި، އިންތިޒާރުގައި ތިބޭ މީހުން ބުނަނީ ފެނާއި ކަރަންޓު ލިބޭނެ އިންތިޒާމު ސަރުކާރުން އެ ހަމަޖައްސަނީ ކަމަށެވެ. އެ މީހުން ބުނާ ގޮތުގައި ކޮންމެ ކަމަކަށް ވެސް ވަގުތު ނަގާނެ އެވެ. އެއީ ހަތަރު މަސް ވިޔަސް އެމީހުންނަށް މައްސަލައެއް ނެތެވެ. ހަމަ ބަލަހައްޓައިގެން، ބަސްއަހައިގެން، ފުދިގެން ތިބޭނެ އެވެ.
ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓުފަހަރަށް ހަފްތާއަކު ދަތުރެއް ނުކުރެވޭ ނަމަ އެ ރަށަކުން ބޭނުންވާ ޒަރޫރީ ތަކެތި ހުސްވާނެ އެވެ. ރަށްރަށުގައި އަމިއްލައަށް ހައްދާ ތަކެތިން ސުފުރާމަތި ފުރާލި ޒަމާން މާޒީ ވެއްޖެ އެވެ. މާލެއެކޭ އެއްފަދައިން ރަށްރަށުގައި ވެސް ބޭނުންކުރަނީ އިމްޕޯޓު މުދަލެވެ. އެތަކެތި ގެންދަން ޖެހެނީ މާލެއިންނެވެ.
ކާބޯތަކެއްޗާއި ފެން ކޭހާއި ކައްކާ ގޭހުން ފެށިގެން ގޮސް އަންނައުނަށް ދާންދެން ބައެއް ރަށްރަށަށް ގެންދަނީ މާލެއިންނެވެ. މުޅި ނިޒާމު އޮތީ އެގޮތަށެވެ.
ވީމާ ނިޒާމުގެ ތެރެއިން ހިދުމަތް ލިބޭ ބަޔަކަށް އުނދަގޫވާ ގޮތަށް ކަންކަން ހުރެގެން ނުވާނެ އެވެ.
އެކަމަކު 'ހިތާ ދެކޮޅަށް' ހިދުމަތް ދިނުމުގެ މިސާލެއް ދައްކާ ނަމަ، އެމްޕީއެލްއިން ނޯތު ހާބަރުގައި ބޯޓުފަހަރަށް ދޭ ހިދުމަތްތަކަކީ އޭގެ މިސާލެކެވެ.
ހުރިހާ މައްސަލަތައް ހުލާސާކޮށް، މިތަނުން ހިދުމަތް ދޭ ގޮތާ މެދު ޒަރީރު ބުނީ މިހެންނެވެ.
"އެމްޕީއެލްއިން އަހަރެމެންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް މިއީ."
ފަޅުވެރިން އެދެނީ ފެނާއި ކަރަންޓު؛ އެއީ މެގަ ޕްރޮޖެކްޓެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ