ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތް ހަދައި އަލުން ބިލު ފާސްކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭގޮތް ހަދައި، އަދަބު ލުއިކޮށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ބިލު އަލުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ފުރަތަމަ ފާސްކުރީ މިދިޔަ މޭމަހުގަ އެވެ. އެކަމަކު، އަލުން ވިސްނަވައި ވަޑައިގަތުމަށް އެދި، ބިލު ތަސްދީގުނުކުރައްވައި ރައީސް މުހައްމަދު މުއިއްޒު މި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ އެވެ. އެ ބިލު ރައީސް މުއިއްޒު ތަސްދީގުނުކުރެއްވީ ގުނަވަން ހަދިޔާކުރެވޭ މީހުންގެ ތެރޭގައި ގައިދީން ވެސް ހިމަނާފައިވާތީ އެވެ.
ތަފްސީލް - އަލުން ވިސްނަވައިވަޑައިގަތުމަށް އެދި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވިއިރު ރައީސް ފާހަގަކުރައްވާފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ، ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމަށްވާއިރު، އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި މަޖުބޫރުކަމެއްނެތި ގުނަވަން ހަދިޔާކުރުންފަދަ ކަންކަމަށް ރުހުން ދެވިދާނެ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ގައިދީންނަށް އެ ފުރުސަތު ނުދެވޭނެކަމަށް ބިލުގައި ހިމެނީ، މި ބިލު އަލުން ދިރާސާކުރުމަށްފަހު، މިމަހުގެ 1ވަނަ ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގެ އިއްތިފާގުންނެވެ. މި އިސްލާހާއެކު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު ވަނީ، 58 މެންބަރުންގެ ވޯޓާ އެކު އެ ބިލު ފާސްކޮށްފަ އެވެ.
މިހާރު ބިލުގައި އޮތްގޮތުން ގުނަވަން ހަދިޔާކުރާ މީހާއަކީ:
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހެއް ކަމުގައި ވެގެން ނުވާނެ
ކުށެއްގެ ތުހުމަތުގައި ނުވަތަ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެ
މީގެ އިތުރުން ބިލަށް އަލަށް ގެނައި އިސްލާހުގައި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި މީހަކަށް ދެވޭނެ އަދަބަށް ލުއި ދީފައިވެ އެވެ. އެގޮތުން:
އާ އިސްލާހުގައި ވާގޮތުން - އެފަދަ ކުށެއްކުރާ މީހެއްގެ އަދަބަކީ، 150،000ރ. އާއި 250،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 12 މަހާއި 18 މަސްދުވަހުގެ މުއްދަކަށް ޖަލަށް ލުން
ކުރިން ފާސްކުުރި ބިލުގައި އޮތީ - އެފަދަ ކުށެއްކުރާ މީހެއްގެ އަދަބަކީ، ގިސާސް ހިފުން ނުވަތަ އެ ގުނަވަނަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުން
އަދި، 250،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 18 މަސްދުވަހާއި 12 މަސްދުވަހުގެ މުއްދަކަށް ޖަލަށް ލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ