މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނުން އޮންނާނީ މިއަދުގެ ރޯދަ ވީއްލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 17:00 އަށް ވޯޓުލާ ވަގުތު އީސީން ދަންމާލިއެވެ.
ވޯޓުލާ ވަގުތު ދަންމާލައި އީސީން ނެރުނު ޢިއުލާނުގައި ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވެފައިވާތީ، ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުލުމުގެ ވަގުތު މިއަދު 17:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
''އަދި ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށާއި ގުނަން ފަށާގަޑި އެމަރުކަޒެއްގައި އިޢުލާންކުރާނެ ވާހަކަ ދަންނަވަމެވެ.'' އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ.
ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މިއިންތިޚާބުގައި ހަވީރު 16:00 އާއި ހަމައަށް 2672 މީހުން ވޯޓުލާފަވެއެވެ.
މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރީ އިބްރާޙީމް ޝާޒް އެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރީ އަވަހާރަވި ރިޟާގެ ކޮއްކޮ އެއް ކަމަށްވާ ހުސައިން ރިޒާ އެވެ. އަދި އެމްއެންޕީގެ ޓިކެޓް ގައި ވާދަކުރީ އަލީ އާރިފް އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގަ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ގުނުން ރޯދަ ވީއްލައިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ