ތުރުކީގައި އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް މަރްހަބާ ވިދާޅުވެއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ 2 ފޮޓޯފުޅާއެކު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި، ޖުމްހޫރީ ޕާޓީގެ ސެކްރެޓޭރިއެޓުގެ މެމްބަރުންގެ ނަމުގައި އުރުދުޣާންއަށް އިޚްލާސްތެރި ތަހުނިޔާއެއް ފޮނުއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އަދި އިންތިޚާބުގައި ރައީސް އުރުދުޣާން މި ހޯއްދެވި ކާމިޔާބީއަކީ އެއްވެސް އޮޅުމެއްނެތް ފުރިހަމަ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ހަމަ އެއާއެކު، ތުރުކީއަށް ތަރައްގީއާއި، ފާގަތިކަމާއި، ކުރިއެރުމަށް، ޓްވީޓްގައި އެދިވަޑައިގެންފައި ވެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރެއްވި ކެމްޕެއިންގައިވެސް ރައީސް އުރުދުޣާން ގެންގުޅުއްވި މައިގަނޑު ޝިއާރަކީ، ތުރުކީ އިތުރަށް ތަރައްގީ ކުރައްވައި، ކުރިއެރުން ހޯއްދަވައި ދެއްވާނެ ކަމެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައިވެސް އިދިކޮޅު ލީޑަރު ކެމާލް ކްލިޗްތަރޯޟްގެ ފަރާތުން ރައީސް އުރުދުޣާންއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެވަޑައި ގެންނެވިއެވެ.
އެހެންނަމަވެސް، ފުރަތަމަ ބުރުންވެސް ކުރި ހޯއްދެވި އުރުދުޣާން، ދެވަނަ ބުރުގެ ވޯޓުގައިވަނީ 52.2 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައި، ރައީސްކަމުގެ ތިންވަނަ ދައުރު ކަށަވަރު ކުރައްވާފައެވެ.
އިންތިޚާބުގެ ކާމިޔާބީއާއެކު، ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ދުނިޔޭގެ ލީޑަރުން ތަހްނިޔާ ފޮނުއްވަމުން ގެންދަވާއިރު، އުރުދުޣާންއަށް އެންމެ ފުރަތަމަ މަރްހަބާ ވިދާޅުވި ލީޑަރުންގެ ތެރޭގައި، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ، ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހާމިދު ދްބެއިބާ، ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އުރްބާން، ޕަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާ، ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން، އަޒަރބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް، ސާބިއާގެ ރައީސް އެލެކްޒެންޑަރ ވުސިޗް، އީރާންގެ ރައީސް އިބްރާހިމް ރައީސީ، އަފްޣާނިސްތާނުގެ ވެރިޔާ މައުލްވީ އަބްދުލް ކަބީރު، ސޫދާންގެ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާން ޝަރީފް، އަލްޖީރިއާގެ ރައީސް އަބްދުލްމާޖިދު ތަބްއޫން، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ، ޔޫއޭއީގެ ރައީސް ޝައިޚް މުހަންމަދު ބިން ޒައިދު އަލް ނަހްޔާން، ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާވެސް ވަނީ އުރުދުޣާންއަށް މަރްހަބާ ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމް، ތުރުކީގެ ރައީސް އުރުދުޣާންއަށް މަރްހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ