ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދޫކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ރައީސް ނަޝީދު މިފައިން އިޝާރާތްކުރައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ވަކިކުރަން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައި ވަނިކޮށެވެ.
މިއަދު ކުރިއަށްދިޔަ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރުގެ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ، މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ބަހުސް ކުރައްވަން ކެތް މަދުވެފައި ހުންނެވި ކަމަށާއި، މެދު ދާއިރާ ތަމްސީލްކޮށް، ބަހުސްގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މަޖިލީހުގެ ރައީސްކަމަށް ނަޝީދު އިންތިހާބުކުރައްވާފައިވަނީ، 2019 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ބެއްވި ރައްޔިތުންގެ މަޖިލީހުގެ 67 ވަނަ ޖަލްސާގައި، 67 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަޝީދާ ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ފަހަރު ލިބިވަޑައިގެންނެވީ 17 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް ނަޝީދު ވަކިކުރަން ފާސްކޮށްފައިވާއިރު، ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ. އެ އަދަދު އެމްޑީޕީގެ ޕީޖީ މެމްބަރުން އެކަނި ސޮއިކުރި ނަމަވެސް ހަމަވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމެޓީތައް ހިންގުމުގައި މަޖިލީހުގައި އަމަލުކުރަމުންދާ ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ރިޔާސަތުން ޢަމަލުކުރަމުން އަންނަކަަމަށް ވިދާޅުވެ، މަޖިލީހުގެ މެންބަރުން ނުރުހުން ފާޅުކުރައްވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ