ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް މަރްޙޫމް ރިޒާގެ ކޮއްކޮއަށް ލިބިއްޖެ!

ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެންބަރު އަލްމަރްޙޫމް އަލްއުސްތާޛު އިބްރާހީމް ރިޒާގެ ކޮއްކޮ ޙުސައިން ރިޒާއަށް ލިބިއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ މިދިޔަ ފެބުރުވަރީ މަހުގެ 23ގައި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ. އޭނާ އަވަހާރަވީ މެލޭޝިއާގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަންނަ ހުކުރު ދުވަހު ގުރައިދޫ ދާއިރާގެ ޕްރައިމަރީ ބާއްވަން ނިންމާފައި އޮއްވާ ޕީޕީއެމް އިން ބުނީ އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ކުރިމަތިލާފައި ވަނީ އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެކަނި ކަމަށެވެ. އޭނާ އަކީ އެޕާޓީގެ އާއްމު މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށް ޕީޕީއެމް އިން ބުންޏެވެ.
މާލެއަތޮޅު ގުޅި، ގުރައިދޫ، އަދި މާފުށި ހިމެނޭ ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި އުސްތާޛު ރިޒާ ވަނީ ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވެސް ޚިދުމަތް ކުރައްވައިފައެވެ
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ގޮތަށް އީސީ އިން ނިންމައިފައެވެ. މި ބައި އިލެކްޝަނުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި އެމްއެންޕީ އިން ވެސް ވާދަ ކުރާނެކަންވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ