ޔޫޓިއުބުން ފަރާ ޓެލެންޓު ޝޯއެއް ގެނެސްދެނީ

ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މުޅިން އާ ޝޯއެއް ގެނެސްދޭން ނިންމިކަން އިއުލާނުކޮށްފިއެވެ. ފަރާ އަލަށް އިއުލާނުކުރި މި ޝޯގެ ނަމަކީ "އާންޓީ ކިސްކޯ ބޯލާ"އެވެ. މި ޝޯއަކީ ހުރިހާ އުމުރު ފުރައެއްގެ އަންހެނުންނަށް ވެސް އެ ފަރާތްތަކަށް ލިބިފައިވާ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނޭ ޝޯއެކެވެ. އެހެންކަމުން އެ ޝޯއަކީ އިންޑިއާގެ ނަންބަރު ވަން އާންޓީ ޝޯއަށްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފަރާ ވަނީ ޝޯ އިއުލާނުކުރަމުން ބުނެފައެވެ. ފަރާގެ އާ ޔޫޓިއުބް ޝޯގެ ފުރަތަމަ އެޕިސޯޑުގެ ފަނޑިޔާރުން ކަމަށްވާ ސުނީތާ އަދި ސާޖިދު--ފޮޓޯ/ފިލްމުފެއަ މި ޝޯގެ ފުރަތަމަ ޓީޒާ ފަރާގެ އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލިއިރު ފުރަތަމަ އެޕިސޯޑުގެ ފަނޑިޔާރުންގެ ގޮތުގައި ފެންނަނީ ކުރީގެ އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ އަދި ފަރާގެ ކޮއްކޮ، ފިލްމު ޑައިރެކްޓަރު ސާޖިދު ޚާނެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑު ގެނެސްދީފައިވާއިރު ކޮންމެ ހަފުތާއަކު ވެސް ފަނޑިޔާރުންގެ ގޮތުގައި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި ފަރާތްތައް ފެންނާނެ ކަމަށް ފަރާ ވަނީ ބުނެފައެވެ. މި ޝޯގައި ބައިވެރިވުމުގެ ފުރުސަތު ދެވޭ އަންހެނުންނަކީ އާންމުކޮށް އެފަދަ ފުރުސަތުތައް ނުލިބޭ އެހާ މަޝްހޫރު ނޫން ފަރާތްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔޫޓިއުބް މެދުވެރިކޮށް މިހާރު ވެސް ކައްކާ ޝޯއެއް ގެނެސްދެމުން އަންނަ ފަރާގެ އާ ޔޫޓިއުބް ޝޯ ތައާރަފުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ފަރާއަށް މަރުހަބާ ކިޔާ ހެޔޮއެދުންތައް ފޮނުވާފައެވެ. ޚާއްސަކޮށް ސުނީތާއާއި ފަރާގެ ހުށަހެޅުން ވަރަށް ކަމުދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެ މީހުން އެކީގައި ގެނެސްދޭ ހުށަހެޅުންތައް އިތުރު ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. މިއީ ވަރަށް ހެއްވާ މަޖާ ޝޯއަކަށް ވާނެ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. ފަރާގެ ގޭގައި ގެންގުޅޭ ދިލިޕް ނަމަކަށްކިޔާ ކައްކާއާ އެކު ގެނެސްދޭ ކައްކާ ޝޯއަކީ އިންޑިއާގެ އިތުރުން ބޭރު ޤައުމުގެތަކުގެ ވެސް ގިނަ ބަޔަކު ޔޫޓިއުބް މެދުވެރިކޮށް ބަލަމުން އަންނަ ވަރަށް މަގުބޫލު ޝޯއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ