ދިރާގު ރޯޑް ރޭސް އަންނަ އޮކްޓޯބަރު މަހުގެ 24ގައި ބާއްވަނީ

ރާއްޖޭގެ އެންމެ މަގުބޫލު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 16ވަނަ އެޑިޝަން އަންނަ އޮކްޓޯބަރު މަހުގެ 24ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ދުވުމަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. ދިިރާގުން ބުނީ މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކުރުމަށް ދިރާގު ފުވައްމުލަކު ރަންގެ ނަމުގައި މި އަހަރު ފުވައްމުލަކު ސިޓީގައި ދުވުމެއް ބާއްވާފައި ވާކަމަށެވެ. އަދި މި އަހަރު ވެސް ދުވުންތެރިންނަށް ހާފް މެރެތަން 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ކެޓެގަރީ އަދި ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވެވޭނެ ކަމަށާއި ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސްތަކާއި ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ ކަމަށެވެ. މި ދުވުމުގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ނިންމާފައި ވާކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ. ދިރާގުން ބުނީ ކުރީ އަހަރުތަކާ އެއްފަދައިން، މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެެއް ކަމަށް ބުނެފައެވެ. އަދި މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައިހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ވަނީ މިކަމުގައި ބައިވެރިވާނެ ބޭނުންވާ އެންޖީއޯތަކަށް މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ