ގާސިމް، ޔާމީނަށް: ޓެކްސްއިން 33 މިލިއަން ޑޮލަރު މައާފެއްނުކުރޭ

ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް ނަގަނީ، ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހިވަޑައިގަންނަވާ 33 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކުރާ ގޮތަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވުމާއެކު، ގާސިމް މިރޭ އެ ކަން ދޮގުކުރައްވައިފިއެވެ. ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މިއަދު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ "ނަގޫ ފިތިފައި" ކަމަށެވެ. އެހެންވެ ރައްޔިތުން ތަހައްމަލުކުރާ ހާލަތުގެ ވާހަަކަދައްކާނެ ލީޑަރުކު ނެތް ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ގާސިމްގެ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް "ތަރިކަ މުދާގަނޑެއް ގޮތަށް ލިޔުއްވައިފައި" އޮންނަ ތަނެއް ކަމަށެވެ. ކޮންމެ ސަރުކާރެއް ވެރިކަމަށް އަޔަސް، ގާސިމްގެ އެދިވަޑައިގަންނަވާތީ އެ ތަން ދެނީ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެންމެފަހުން ފެންނަ މަންޒަރަކީ، އެ އެއާޕޯޓު "ހިންގަން އުޅެއުޅެ ނުހިންގިގެން ސަރުކާރުން އެ ތަން ބޮލުގައި އަޅަންޖެހުނު" ތަން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ސަރުކާރުން އެ އެއާޕޯޓު ނެގީ، ދައުލަތަށް ގާސިމް ދައްކަންޖެހޭ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކޮށްފައި ކަމަށެވެ. "ކޮންކަހަލަ ލަދުހުތުރު ކަންތައްތޯ މިއީ، ކޮންކަހަލަ ލަދުހުތުރު ކަންތައްތޯ މިއީ. ސަރުކާރުން އެއާޕޯޓުގަނޑާ ހަވާލުވާން ޖެހުނީ. އަދި ހަވާލުވެފައި ދައުލަތަށް ވަންނަން އޮތް ޓެކްސް ފައިސާގެ މައާފްކޮށްދޭންޖެހޭ ކޮންސެޝަން ފީގެ ތެރެއިން 30 މިލިއަން ޑޮލަރު އެ މައާފްކޮށްދިނީ،" އެ މުއާމަލާތުގައި ކޮރަޕްޝަން އެކުނުލެވޭތޯ ސުވާލު އުފައްދަވައި، ޔާމީން ވިދާޅުވިއެވެ. އެ ވާހަކަފުޅުތައް ދޮގުކުރައްވައި މިރޭ ގާސިމް ވިދާޅުވީ ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އޮޅުވައިލައިގެން ހައްދަވާ އިތުރުފުޅުތައް ދިވެހީން ގަބޫލުނުކުރާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެއާއެކު ގާސިމް ވަނީ އެ މުއާމަލާތާ ގުޅޭގޮތުން ރައީސް އޮފީހާއި، ގާސިމްގެ ކުންފުނިން ކޮށްފައިވާ މުއާމަލާތް ފެންނަ ސިޓީއެއް ވެސް އާންމުކުރައްވައިފައެވެ. އެ ސިޓީއިން އެނގޭ ގޮތުގައި ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ސިޓީގައިވެއެވެ. https://x.com/qasimibrahim/status/1958918726788817144 އެއަށްފަހު އެ ސިޓީގައިވާ ގޮތުން، ދައުލަތަށް ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ވިލާ އެއާ ކުންފުންޏަށް ހުށަހެޅީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ސަރުކާރަށް އެއާޕޯޓު ހަވާލުކުރުމަށް ޓަކައި، އެ އެއާޕޯޓަށް ވިލާ އެއާ ކުންފުނިން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސް ދުވަހަށް ބަހައިގެން އެ ކުންފުންޏަށް ދެއްކުމެވެ. ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހައިގެން އެޖަސްޓްމަންޓު ހެދުމެވެ. ރައީސް އޮފީހުގެ އެ ސިޓީގައިވާ ގޮތުން އެ ކަމަށް އެ ކުންފުނިން އެއްބަސްވާނަމަ ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލްކޮށް ކުންފުނިން އެއްބަސްވި ގޮތަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން އިކޮނިމް ކައުންސިލުން އޮތީ ހުއްދަ ވެސް ދީފައެވެ. https://sun.mv/202740 މީގެ ކުރިން ގާސިމް ވަނީ ވިލާ އެއާއިން ބޭނުންވަނީ އެ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާނަމަ، ދެ ފަރާތަށް ވެސް ގެއްލުންނުވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓް ދޫކުށްލަން ތައްޔާރުކަމަށް މިދިޔަ ފެބްރުއަރީ މަހު މާލިއްޔަތު ކޮމިޓީގައި ވިދާޅު ވެސް ވެފައެވެ. އެއިރު ގާސިމް ކޮމިޓީގައި ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓު ހިންގަނީ ވަރަށް ބޮޑު ގެއްލުމާ ކުރިމަތިލަމުންނެވެ. ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާއާ ހަވާލުކުރީ ނޮވެމްބަރު ހައެއް، 2013ގައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަނަވަރީ 18، 2017ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު އަލުން އެ އެއާޕޯޓް ވިލާއަށް ދޭން އެއްބަސްވުން ހެދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ