ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު އުތީމަށް އަރުވަނީ ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު އުތީމަށް އަރުވަނީ

ހއ. އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުމާއެކު އުތީމު ގަނޑުވަރަށް 500 އަހަރުވެފައިވާތީ، ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު، އެ ރަށުގެ ރައްޔިތުންނަށް އެރުވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ހާއްސަ ޝަރަފު އުތީމަށް އެރުވުމަށް މުއިއްޒު ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމަށް، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމަށް އެ ޝަރަފު އެރުވުމަށް ވަނީ ނިންމާފަ އެވެ. އެ ޖަލްސާ ފަށާނީ ހެނދުނު 10:00 ޖަހާއިރެވެ.
އެ ޖަލްސާގެ ތެރެއިން. ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން ވެސް އޮންނާނެ އެވެ. ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މީގެއިތުރުން މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ