މާލޭގައި ހިންގަމުންގެންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން، މާލޭގެ ބޮޑު ގޭންގަކަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މާރާމާރީ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 31 އަހަރުގެ ދިވެހި އެ ފިރިހެން މީހާ އެއާޕޯޓުން މިއަދު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
ބުނީ ކީކޭ؟ - "އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް މެލޭޝިއާއަށް ފުރައިގެން ދިއުމުން، މެލޭޝިއާއަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން."
'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި:
ހައްޔަރުކުރީ ހުސައިން އަރީޝް، 31، ބަނަަފްސާގެ/ފުވައްމުލައް (ދިގުވާޑު)
މާލޭގައި ކުށް ކުރާ ބޮޑު ގޭންގަކަށް ވެސް ނިސްބަތްވާ ކަމުގެ ތުހުމަތު ކުރޭ
މީގެ ކުރިން 25 ފަހަރު ހައްޔަރުކޮށް، ހަ ދައުވާ އުފުލާފައިވޭ
ކުށުގެ ރެކޯޑުގައި މާރާމާރީގެ 6 މައްސަލަ، މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި ދެ ފަހަރު އަދި ވައްކަމުގެ އެއް މައްސަލަ ހިމެނޭ
ފާހަގަކޮށްލެވޭ ކަމެއް - މާލޭގައި މިފަހުން ހިނގި މާރާމާރީތަކުގައި މަރުތޭލު ފަދަ އާލަތްތައް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް މާރާމާރީއަކީ، މި މަހު 4 ވަނަ ދުވަހު އައިޖީއެމްއެޗު ކައިރީ ހުރި މީހަކަށް ސައިކަލެއްގައި ދިޔަ މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މާރާމާރީ އެވެ. އެ މާރާމާރީއާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ.
މި މާރާމާރީތަކާ ގުޅިގެން ފުލުހުން މި ހަފްތާ ތެރޭ ބައެއް އެހެން މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.
ސިލްސިލާ މާރާމާރީތަކާ ގުޅިގެން ގޭންގެއްގެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ