މަސްޖިދުލްއަގްސާ އަންނަ އަހަރު ގޮއްވާލާނެ ކަމަށް ޔަހޫދީން ބުނެފި
ހިފާފައިވާ ގުދްސު (21 އެޕްރީލް 2025) : އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަލްގުދްސުގައިވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މަސްޖިދުލްއަގްސާ ގޮއްވާލައި އެތަން ސުންނާފަތިކޮށް ބިމާ ހަމަކޮށްލުމަށް ޔަހޫދީ ހަރުކަށި ފަރާތްތަކުން ފާޅުގައި ގޮވާލަން އެކަން ކުރާނެ ގޮތުގެ ވީޑިއޯ އެއްވެސް އާންމުކޮށްފިއެވެ. އިސްރާއީލުގެ ސަރުކާރާ ގުޅިފައިވާ ޔަހޫދީ ހަރުކަށި ފަރާތްތަކުން ހިންގާ ވެބްސައިޓެއްގައި މަސްޖިދުލްއަގްސާ ގޮއްވާލާ ގޮތުގެ ވީޑިއޯ ކްލިޕަކީ އަންނަ އަހަރު އެކަން ކުރާނެކަމުގެ އިންޒާރު މުސްލިމުންނަށް ދިނުމަށް އޭއައި ބޭނުންކޮށްގެން ހަދާފައިވާ ކްލިޕެކެވެ. އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލައެވެ. އަދި އެއީ ކީރިތި ރަސޫލާ މުހައްމަދު (ސޢވ)ގެ އިސްރާ ދަތުރުފުޅުގެ މަންޒިލް (މަސްރާ އައްރަސޫލު) ވެސް މެއެވެ. މަސްޖިދުލްއަގްސާ ކިޔަނީ އެ މުޅި ކޮންޕައުންޑަށެވެ. އަގްސާ ކޮންޕައުންޑް ނުވަތަ އަގްސާގެ ހަރަމްފުޅު ތެރޭގައި މުސްލިމުންގެ ހަތަރު މިސްކިތެއް ހުރެއެވެ. މަސްޖިދުލްއަގްސާ ކޮންޕައުންޑްގައި ހިމެނޭ މިސްކިތެއް ކަމަށްވާ މަސްޖިދުއް ސަޚްރާ އެއީ ސަޚްރާ މިސްކިތާއި، މަސްޖިދުލް ގިބްލީއާއި، މުސައްލާ އަލްމަރުވާނީ، އަދި މުސައްލާ ބާބުއްރަޙްމާ އެވެ. މީގެއިތުރުން އިސްލާމީ 200 ލޭންޑްމާކް އެ ހަރަމްފުޅު ތެރޭގައި ހުރެއެވެ. އިސްރާއީލު ސަރުކާރު ވެސް އަދި ޔަހޫދީ ޖަމާއަތްތަކުންވެސް މަސައްކަތް ކުރަނީ މި ހަތަރު މިސްކިތާއި 200 ލޭންޑް މާކް ހިމެނޭ އަލްއަގްސާ ހަރަމްފުޅު އެއްކޮށް ގޮއްވާލައި އެތަން ބިމާ ހަމަކޮށްލުމަށެވެ. މަސްޖިދުލްއަގްސާ ތަޅާލުމުގެ ރޭވުމަކީ ވަރަށް ކުރިއްސުރެ ވެސް އިސްރާއީލުގެ ހަރުކަށި ޔަހޫދީންނާއި އިސްރާއީލު ސަރުކާރުގެ ވެސް ރޭވުމެކެވެ. މި ރޭވުން ތަންފީޒު ކުރުމުގެ ބަހަނާއެއްގެ ގޮތުން އިސްރާއީލާ އަދި ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ޔަހޫދީން ވެސް ބުނަނީ އެ މިސްކިތް ހުރި ތަނަކީ ސުލައިމާންގެފާނުގެ ދުވަސްވަރު ޔަހޫދީންގެ ފައްޅިއެއް (ހައިކަލް ސުލައިމާން) ހުރި ތަނެއްކަމުގައެވެ. ނަމަވެސް މިކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެތް ދެއްކިފައެއް ނުވެއެވެ. ހައިކަލް ސުލައިމާން ހުރިތަން ހޯދުމުގެ ނަމުގައި މަސްޖިދުލް އަގްސާ ގެ ހަރަމްފުޅުގެ ވަށައިގެން އެތަނުގެ ބިމުގެ އަޑި ކޮނުމުގެ މަސައްކަތް އިސްރާއީލު ސަރުކާރު އިސްވެ އޮވެގެން ކުރަމުން ގެންދާތާ ސާޅީހަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް އެތަނުގެ އަޑިން ޔަހޫދީންނާބެހޭ އާސާރީ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. ޔަހޫދީން ގަބޫލުކުރާ ޚުރާފާތު ތަކުގައި ނުވަތަ ތަލްމޫދުގައި ވާގޮތުން ޔަހޫދީން ގަބޫލުކުރާ އީސާގެފާނު ފާޅުވާނީ މަސްޖިދުލްއަގްސާ ތަޅާލުމަށްފަހު އެތަނުގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމުންނެވެ. އޭގެކުރިން އީސާގެފާނު ފާޅެއް ނުވާނެއެވެ. ޔަހޫދީންގެ ދީނީ ޚުރާފާތު ފަތްފުތްތަކަކީ ތަލްމޫދެވެ. ތަލްމޫދުގައިވާގޮތުން މި ފައްޅި ބިނާކުރުމަށް ޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަމައެކަނި ރަތް ކުލަ ހުރި ގެރިއެއް ކަތިލައި އަންދައި އޭގެއަޅި ފެނަށް ގިރުވައިގެން އެ ފެނުން އެ މީހުން ތާހިރުވުމެވެ. މަސްޖިދުލްއަގްސާ ކޮންޕައުންޑްގައި ހިމެނޭ މަސްޖިދުލް ގިބްލީ އިސްރާއީލުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޕާޓީތަކަކީ މިކަން މިގޮތަށް ކުރަންބޭނުންވާ ޕާޓީތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ޕާޓީތައް އިސްވެ ތިބެގެން 2022 ވަނައަހަރު އެމެރިކާއިން ރަތްކުލައިގެ ގެރިތަކެއް އިސްރާއީލަށް ވަނީ ގެނަސްފައެވެ. ނަމަވެސް މިގެރިތައް ކަތިލައި އަންދައި އޭގެއަޅި ފެނަށް ގިރުވައިގެން ކުރަން ރާވާފައިވާ ކަންކަން އެކި ސަބަބުތަކާ ގުޅިގެން އަދިވަނީ ނުކުރެވޭގޮތް ނުވެފައެވެ. މަސްޖިދުލްއަގްސާ ތަޅައި ސުންނާފަތި ކޮށްލުމަށް ޔަހޫދީ ހަރުކަށި ޖަމާއަތްތަކުން ފާޅުގައި ގޮވާލަމުންދާތީ ފަލަސްތީނުންވަނީ އިސްލާމީ ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނަސްފައެވެ. ހަރުކަށި ޔަހޫދީން ޝާއިއުކޮށްފައިވާ މަސްޖިދުލްއަގްސާ ގޮއްވާލާ ގޮތުގެ ވީޑިއޯ ކްލިޕަކީ އޭއައި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ކްލިޕް އެކެވެ. މި ވީޑިއޯ ކްލިޕްގައި މަސްޖިދުލްއަގްސާ ގޮއްވާލުމަށްފަހު އެ ތަނުގައި ޔަހޫދީ ފައްޅިއެއް ނުވަތަ "ހައިކަލް ސުލައިމާން" އަލުން ބިނާކުރާ މަންޒަރު ވެސް ދައްކައެވެ. މިއީ އަންނަ އަހަރު މަސްޖިދުލްއަގްސާއަށް ވެގެންދާނެގޮތްކަމަށް ވެސް ބުނެ ޔަހޫދީ ދީނީ ޖަމާއަތްތަކުން ވަނީ އިސްލާމީ އުންމަތަށް އިންޒާރު ދީފައެވެ. އިސްރާއީލު ސަރުކާރުގެ އެހީތެރިކަމާއެކު ޔަހޫދީން ހަރުކަށި ވަޒަންވެރިންނާއި އިސްރާއީލުގެ ހަރުކަށި ސިޔާސީ ފަރާތްތަކާއި ޔަހޫދީ ހަރުކަށި ޖަމާއަތްތަކުގެ ވެރިން މުސްލިމުންނަށް ޖެއްސުން ކުރުމަށް ޓަކައި އާންމުކޮށް ބޫޓާއެކު ވަދެ ލަވަކިޔައި ނަށައި މަޖާކޮށް ހަދާ ތަނަކަށް ވެސް މަސްޖިދުލްއަގްސާ މިހާރު ވަނީ ހަދާފައެވެ. ޔަހޫދީން 1969 ވަނައަހަރު މަސްޖިދުލްއަގްސާ އަންދާލުމަށް ޓަކައި އެ ތަނުގައި ހުޅު ވެސް ވަނީ ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ