އުންމީދަކީ ރާއްޖޭގައި ގާނޫނީ ވެރިކަމެއް ހިނގާ ދުވަހަކުން, ސުޕްރީމް ކޯޓް ފުނޑާލުމުގައި ބައިވެރިވި އެންމެންގެ މައްޗަށް އިންސާފު ގާއިމުކުރެވުން ކަމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަގާމުން މިއަދު ވަކިކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ މަގާމުން ވަކިކުރެއްވި މައްސަލައާ ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.
ހަ ސަފްހާގެ ދިގު ބަޔާނުގައި އެކަމަނާ ވަނީ ޖޭއެސްސީން ކޮށްފައިވާ ތުހުމަތުތަކާއި ޖޭއެސްސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ވާހަކަތަކާއި މަޖިލީހުން އަމަލު ކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކަމުގައި އެއްވެސް އިންސާފެއް ނެތް ކަން ބަޔާން ކޮށް ދެއްވާފަ އެވެ. އަދި ކުރެވުނު ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް އުފައްދާފައިވާ ތުހުމަތުތަކެއްކަން ބަޔާން ކޮށް ދެއްވި އެވެ.
Advertisement
ބޭއިންސާފުން ހިންގަމުންދިޔަ ކަންކަމާއި ގުޅިގެން ކަމާގުޅޭ ހުރިހާ އިދާރާއަކަށް އެކަމުގެ ކަންބޮޑުވުންތައް ހިމަނާ ހުށައެޅި ނަމަވެސް އެއްވެސް އިދާރާއަކުން އެކަމާ އަޅައިނުލެއްވި ކަަމަށް ވިދާޅުވި އެވެ.
އަޒްމިރަލާ ވިދާޅުވީ އެކަމަނާއަށް މިއަދު އިންސާފު ނުލިބުނު ކަމަަށާ ނަމަވެސް އެއީ ހަމައެކަނި ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމަށެވެ.
"މިއީ ރާއްޖޭގެ ޖުޑީޝަރީއަށް ދިން ހަމަލާ އެކެވެ. ސުޕްރީމް ކޯޓު ހުއްޓުވުމަކީ އާދައިގެ ކަމެއް ނޫނެވެ. ލުއި ގޮތަކަށް އަތުން ފޮޅުވާލެވޭވަރު ކަމެއް ނޫނެވެ,"
އެކަމަނާ ވިދާޅުވީ ސުޕްރީމް ކޯޓް ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހާ ވެރީންނާއި މުވައްޒިފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމު ކުރެވުމެވެ.
އަދި އެކަމަނާގެ ވަޒީފައާ އެދި އާއިލާއަށް ތަހަންމަލު ކުރަން ޖެހުނު ކަހަލަ ކަންކަން އެހެން އެއްވެސް މީހެއްގެ މައްޗަށް އަންނަން ނޭދޭ ކަމުގައި ވިދާޅުވި އެވެ.
އުންމީދަކީ ސުޕްރީމް ކޯޓް ފުނޑާލުމުގައި ބައިވެރިވި އެންމެންގެ މައްޗަށް އިންސާފު ގާއިމުކުރެވުން: އަޒްމިރަލްދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ