އެ ޖެހީ، މި ޖެހީ: ބާސާއާއި އިންޓާ އެއްވަރުވެ، ފޯރިގަދަވެއްޖެ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެފްސީ ބާސެލޯނާ (ބާސާ)އާއި އިންޓާ މިލާން އެއްވަރުވެއްޖެއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގެ ބޮޑުގައި ކޮންޓްރޯލްކުރީ ބާސާއިންނެވެ. އެކަމަކު، އިންޓާއިން ވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެ ޓީމުން ވަނީ ފުރަތަމަ މިނެޓުގައި ލަނޑެއް ޖަހައި، ބާސާ ސިއްސުވާލައިފައެވެ. އެއީ، ބާސާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކަސް ތުރާމް ޖަހައިދިން ލަނޑެކެވެ. އެ ލަނޑާ އެކު ބާސާއިން ކުރިއަށް ނުކުމެ، މުޅި މެޗު ޑޮމިނޭޓްކުރަން ފެށިއެވެ. އެކަމަކު، އަނެއްކާ ވެސް ލަނޑެއް ޖެހީ އިންޓާއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އިންޓާއަށް ލީޑު ފުޅާކޮށްދީ ބާސާ ސަޕޯޓަރުން ހާސްކޮށްލީ ޑެންޒެލް ޑަމްފްރީސްއެވެ. ބާސާއިން އަނެއްކާ ވެސް ކުރިއަށް ނުކުމެ ވަރަށް ވަރުގަދައަށް އެޓޭކްކުރިއެވެ. ނަތިޖާއަކަށްވީ އިންޓާއިން ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ލަމީން ޔަމާލް ބަސާއަށް އުންމީދު އާކޮށްދިނުމެވެ. އެ ލަނޑަށް ފަހު ވެސް ބާސާއިން ދިޔައީ މެދުނުކެނޑި އިންޓާގެ ގޯލަށް ހަމަލާ ދެމުންނެވެ. އޭގެ ފަހުން، 38 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ފެރާން ޓޮރޭޒް ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ހާފު ވެސް ވީ ފުރަތަމަ ހާފުހާ ފޯރިގަދަ ހާފަކަށެވެ. ބާސާއިން ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔައިރު އިންޓާ ފެނުނީ ޑިފެންސް ކުރުމާއެކު ކައުންޓާ އެޓޭކްގައި ބާސާއަށް ނުރައްކާ ކުރި ތަނެވެ. އަދި، އިންޓާއިން އުފައްދާ ކޮންމެ ހަމަލާއެއްގައި ވެސް ބާސާގެ ޑިފެންސް ހާސްކަމުގެ ތެރެއަށް ވެއްޓުނުތަން ފެނުނެވެ. މެޗުގެ 63 ވަނަ މިނެޓުގައި އަނެއްކާ ވެސް ފެނުނީ އިންޓާއިން ލަނޑެއް ޖަހައި ލީޑު ނެގިތަނެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ޖަހައިދިން ޑަމްފްރީސްއެވެ. ނަމަވެސް، އިންޓާއަށް މި ފަހަރު ވެސް އެ ޓީމުގެ ލީޑު ހިފެހެއްޓޭގޮތެއް ނުވިއެވެ. މި ގޮތުން، މި ލަނޑު ކާމިޔާބުކުރިތާ ދެ މިނެޓް ފަހުން ބާސާއަށް ލިބުނު ކޯނަރެއްގައި ރަފީނިއާ އިންޓާގެ ގޯލަށް ފޮނުވާލި ހަމަލާ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފާ ބޭރަށް ނުކުތް ނަމަވެސް އިންޓާގެ ކީޕަރު ޔާން ސޮމާ ގައިގައި ޖެހިފައި އެ ބޯޅަ ވަނީ ބައިކޮޅަށެވެ. މެޗުގެ ދެވަނަ ހާފުގައި އިންޓާގެ ހެންރީކް މިހިތާރިއަން އިތުރު ލަނޑެއް ޖެހި ނަމަވެސް އޭނާ ކުޑަ ތަންކޮލަކުން އޮފް ސައިޑްވެފައިވުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. މި މެޗު އެއްވަރުވުމުން ދެ ޓީމުގެ މެދުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އިންޓާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުކުންނައިރު ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް ހަމަހަމަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ