އިންޑިއާ ފަޅީގެ ކަޝްމީރުގައި މިދިޔަ ހަފުތާގައި ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާގައި 26 މީހަކު މަރުވުމާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނުގެ ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ އެދިވަޑައިގެންފަ އެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ރޫބިއޯ ވަނީ ވަކިވަކިން ވާހަކަ ދައްކަވައިފަ އެވެ. ރޫބިއޯ ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް އިންޑިއާއަށް ތާއީދުކުރާކަން ހާމަކޮށް، ހަމަލާގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޕާކިސްތާނުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ބުދަ ދުވަހުގެ މި ބައްދަލުވުންތަކަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ ފެންވަރުގައި އެއްފަހަރާ ބޭއްވި ޑިޕްލޮމެޓިކް މަޝްވަރާތަކެކެވެ.
އިންޑިއާއަކީ ޗައިނާގެ ނުފޫޒު ގަދަވަމުންދާތީ އެކަމާ ދެކޮޅަށް މަސައްްކަތް ކުރާ އެމެރިކާގެ މުހިންމު އެއް ބައިވެރިއާ އެވެ. އަވަށްޓެރި އަފްގާނިސްތާނުން 2021 ވަނަ އަހަރު އެމެރިކާ ސިފައިން ފޭބުމަށް ފަހު ޕާކިސްތާނުގެ މުހިންމުކަން ކުޑަވި ނަމަވެސް ޕާކިސްތާނަކީ ވެސް ވޮޝިންޓަންގެ އެކުވެރި ގައުމެކެވެ.
ކަޝްމީރުގެ ހަމަލާއަކީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ސިފަކޮށް، އެ ހަމަލާ ކުށްވެރި ކުރަން ޖެހޭ ކަމަށް ބާރުއަޅުއްވައި، ރޫބިއޯ ޕާކިސްތާނާ ވާހަކަ ދެއްކެވި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނީ އެ ހަމަލާ ތަހުގީގު ކުރުމަށް އެއްބާރުލުން ދިނުމަށް ރުބިއޯ ވަނީ ޕާކިސްތާނުގެ އޮފިޝަލުންގެ ކިބައިން އެދިވަޑައިގެންފައި ކަމަށެވެ. ޝަރީފްގެ އޮފީހުން ބުނީ ރޫބިއޯގެ އަރިހުން އެދިވަޑައިގަތީ އިންޑިއާގެ ބަސްމަގު މައިތިރި ކުރުމަށް އިންޑިއާއަށް ބާރު އެޅުއްވުމަށް ކަމަށެވެ.
ދެކުނު އޭޝިއާގެ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުން އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން "ނުތަނަވަސްކަން ކުޑަކޮށް، ސީދާ މުއާމަލާތްތައް އަލުން ގާއިމުކޮށް، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް" މަސައްކަތް ކުރުމަށް ރޫބިއޯ ވަނީ އެދިވަޑައިގެންފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނަށް ޒިންމާދާރު ކަމާ އެކު އެ ކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލާ އިރު، ނުތަނަވަސްކަން ކުޑަކުރުމަށް އެހެން ގައުމުތަކުން އެހީތެރިވުމަށް ވެސް އެމެރިކާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާ އިން ވަނީ ޕާކިސްތާނަށް ފާޑު ނުކިޔައި އެ ހަމަލާ ކުށްވެރިކޮށްފަ އެވެ. އިންޑިއާ އިން ވަނީ ޕާކިސްތާނުން ވަކި ފަރާތަަކަށް ނުޖެހި މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.
މުސްލިމުންގެ އަގުލަބިއްޔަތެއް އޮންނަ ކަޝްމީރަކީ ހިންދޫންގެ އަގުލަބިއްޔަތު އޮންނަ އިންޑިއާ އާއި މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ޕާކިސްތާނުން ފުރިހަމަ މިލްކްވެރިކަމަށް ދައުވާ ކުރާ ތަނެކެވެ.
އެ ހަމަލާއަށް ފަހު އިންޑިއާއިން ވަނީ ފެން ހިއްސާކުރުމަށް ގާއިމުކޮށްފައިވާ މުއާހަދާ އަށް އަމަލުކުރުން މެދުކަނޑާލައިފަ އެވެ. އަދި ދެ ގައުމުގެ ވައިގެ ސަރަހައްދު އެއް ބަޔަކު އަނެއް ބަޔަކު ވަނީ އެއާލައިންތަކަށް ބަންދުކޮށްފަ އެވެ. ބޯޑަރުގައި ދެ ފަރާތުން ވެސް ވަނީ ހަމަލާތައް ބަދަލުކޮށްފަ އެވެ.
ހިންދޫ ވަތަނީ ލީޑަރު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޕާކިސްތާނުން ބުނަނީ އިންޑިއާއިން އަސްކަރީ ހަމަލާއެއް ދިނުމަކީ ގާތް ކަމެއް ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ނުތަނަވަސްކަން ކުޑަކުރަން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ