މަރުވެފައި އޮއްވާ ފެނުނު ހިސާމްގެ ހަށިގަނޑު ހަފްތާއަކަށް ފަހު ދޫކޮށްލުމުން ވަޅުލައިފި

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ހިސާމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން މިއަދު ވަޅުލައިފި އެވެ.
ވީ ކިހިނެއް؟ - މުހައްމަދު ހިސާމް، 40، މ. އަލުވިމާގެ އާގެ، މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ 22 އޭޕްރީލްގެ ހަވީރު 4:40 ހާއިރު އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާ ކުރި ކަމަށެވެ.
އަދި ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަހު ހިސާމްގެ ހަށިގަނޑު މޯޗަރީއިން ނެރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން އާއިލާއަށް އިއްޔެ އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ހިސާމްގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ 29 އޭޕްރީލް ވަނަ ދުވަހު (މިއަދު) ކަމަށް އާއިލާއިން ބުނެފައިވާތީ، ހަށިގަނޑު، އާއިލާއާ 29 އޭޕްރީލް ވަނަ ދުވަހު ވަނީ ހަވާލުކޮށްފައި،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ފާހަގަކުރެވޭ - ފުލުހުން މިހެން ބުނީ ހިސާމް މަރުވީ ގުދުރަތީ މަރަކުން ކަމަށާއި ނަމަވެސް ވަޅުލުމުގެ ފުރުސަތު ނުދީ، ފުލުހުން އޭނާގެ ހަށިގަނޑު މޯޗަރީގައި ބާއްވާތީ އާއިލާގެ ކަންބޮޑުވުން އޮތް ކަމަށް ބުނާ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.
ހިސާމްގެ ހަށިގަނޑު ދޫކުރިކަން ހާމަކުރި ނަމަވެސް، އޭނާގެ މަރާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ހިސާމް ވަޅުލީ މިއަދު އަސުރު ނަމާދަށް ފަހު މާލޭގެ އާސަހަރާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ