ސިޓީގެ ދަރަޖައާއެކު ފައިދާވީ ތިނަދޫ ކައުންސިލަށް، ރައްޔިތުންނަކަށް ނޫން: ސައުދުﷲ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން، އޭގެ ފައިދާ ލިބުނީ އެ ރަށު ކައުންސިލަށް ކަމަށާއި، އެ ކަމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ މިރޭ ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތިނަދޫ ސިޓީއަކަށް ހެއްދެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި, މިދިޔަ އަހަރުގެ އޮގަސްޓް 30 ގައެވެ. ފަހުން މި ސަރުކާރުން ވެސް ނިންމީ އެކަން އެގޮތަށް ބާއްވާށެވެ. ނަމަވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ހައިކޯޓަށް ދުސްތޫރީ މައްސަަލައެއް ވެސް މި ފަހުން ހުށަހެޅިއެވެ. އެއާއެކު، އެ މައްސަލަ ހުށަހެޅުއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު ރާޣިބު މަގާމުން ވަކިކުރީއެވެ. އަދި ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. މިދިޔަ ޑިސެންބަރު އެކެއްގައި ސައުދުﷲވަނީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އޮޅުވާލައިގެން ކަމަށް ވިދާޅުވެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ. https://sun.mv/199717 ރާއްޖޭގެ ސިޓީއެއްގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮންނަން ޖެހެއެވެ. ތިނަދޫ މައްސަލައިގައި އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، އެ ރަށަށް ސިޓީގެ ދަރަޖަ ދީފައިވަނީ އާބާދީގައި މަރުވެފައި ތިބި މީހުންނާއި އެހެން ރަށްތަކުގެ މީހުން ވެސް ހިމަނައިގެން، ބޮޑު އޮޅުވައިލުމެއްގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ތިނަދޫގެ އަސްލު އާބާދީއަކީ 8،021 ރައްޔިތުންނެވެ. ސައުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި މި ކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ތިނަދޫގެ މޭޔަރު، ސައުދު އަލީ ކަމަށެވެ. އެ ގޮތުން "ވިހާ މަރުވާ" މީހުންގެ ލިސްޓު އިދާރާތަކަށް މަހުން މަހަށް ފޮނުވަންޖެހޭއިރު، އެ ކަން ނުކޮށް އޮތީ، ސައުދު ކައުންސިލްގެ ރައީސްކަމުގައި ހުންނަވައިގެން ހައެއްކަ މަސްދުވަސްވަންދެން އެ ލިސްޓު ނުފޮނުވައި ކަމަށް ސައުދުﷲ ވިދާޅުވިއެވެ. ތިނަދޫގެ މޭޔަރު ސައުދު: އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައި -- ފޮޓޯ/ ތިނަދޫ ކައުންސިލް "މިހާތަނަށް ގާތްގަނޑަކަށް ދެ އަހަރުވާން ދާއިރު ވެސް، ސިޓީއަކަށް ބަދަލުވެގެން އާންމު ރައްޔިތަކަށްވީ ފައިދާއެއް ނެތް. ވީ އެއްވެސް ކަމެއް ނެތް. ހަމަ އެކަނި ވީހާ ކަމެއް ލިބިފައި އޮތީ ކައުންސިލްގައި ތިބި ބޭފުޅުންނަށް" ސައުދުﷲ ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ އެ ސިޓީގެ މޭޔަރުގެ އަމިއްލަ ބޭނުމަށް ކުރެއްވި ކަމެކެވެ. "[ކައުންސިލް ރައީސް މޭޔަރު ކަމަށް، އަދި ނައިބު ރައީސް ޑެޕިއުޓީ މޭޔަރުގެ ގޮތުގައި ހަމަޖެއްސުމަކީ] އަސްލު އެ ކަން ވެގެންވާނޭ ގޮތެއް ނޫން. އެ ގޮތަށް ބަދަލުވުމާ އެކީ ދެން އޭނާ މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިނާޔަތްތަކާ އެއްގޮތަށް ކަންތައްތައް ކުރަން. މިސާލަކަށް މޭޔަރުންނަށް ލިބެންޖެހޭނޭ ޑިޕްލޮމެޓިކް ޕާސްޕޯޓު. މޭޔަރުންނަށް ލިބެންޖެހޭނޭ އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް، ދިދަޖެހި ކާރު ވެސް،" ސައުދުﷲ ތުހުމަތުކުރެއްވިއެވެ. އެހެން ނަމަވެސް، ސިޓީއެއްގެ ދަރަޖަ ލިބުމަކީ ތިނަދޫގެ ކޮންމެ ރައްޔިތަކު ވެސް އެދޭ ކަމެއް ކަމަށާއި، އެހެން ނަމަވެސް އެ ކަންވާން އެދެނީ ގާނޫނާ އެއްގޮތަށް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އެހެން ނޫން ނަމަ، އެއީ އެ ރަށުގެ ރައްޔިތުންގެ ބޮލުގައި އެޅިގެންދާ ބޮޑު ބަދުނާމެއް ކަމަށް ވިދާޅުވިއެވެ. ސައުދުﷲ ވަނީ އެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން، ތިނަދޫގެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި މިފަހުން ފުލުހުންގެ ޓީމެއް ވެސް ގޮސް، ހަރަކާތްތެރިވި ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުންގެ ޓީމަށް ތިނަދޫގައި ހަރަކާތްތެރިވި ކަމަށް އެ މުއައްސަސާއިން ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް ހިއްސާނުކުރެއެވެ. https://sun.mv/205099 ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ، ގާނޫނަށް ބަދަލު ގެނެސްގެން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވީ 10،000 މީހުން ހަމަވެގެން ސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް އޮތްއޮތުން، 8،000އަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ