މާލޭގެ އުސް އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ކަރު ބިނދިފައި އޮތުމުން ކުރި ބޮޑު ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ޔުމްނު، 21، ގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން އަންނަ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ކުރިއަށްގެންދިޔައީ އެންމެ ކްރިޓިކަލް އަދި ނުރައްކާތެރި ސާޖަރީ ކަމަށެވެ. ސާޖަރީއަށް ފަސް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.
"އެކަމަކު، ރޭވި ގޮތަށް، ސާޖަރީ ކާމިޔާބުކަމާއެކު ނިންމައިލެވުނު ކަމަށް ޑޮކްޓަރުންނާ ޑޮކްޓަރުން ބުނޭ،" ޔުމްނުއަށް ފަރުވާ ދޭން މިވަގުތު މެލޭޝިޔާގައި ހުރި މުއުމިން ބުނެފައި އޮތެވެ.
މުއުމިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔުމްނުގެ ބިނދިފައި އޮތީ ކަރުގެ ތިރީ ބަޔެވެ. ބިނދިފައި ވަނީ މައިބަދައިގެ ސީ-7 އެވެ. އެއީ ކަރުގެ ތިރީކޮޅެވެ. އެއީ ފްރެގްމަންޓް ފްރެކްޗާއެއް ކަމަށް މުއުމިން ބުނެ އެވެ. އޭގެ މާނައަކީ ކަށިކޮޅު ފުނޑުވެފައި ހުރުމެވެ.
ޔުމްނުގެ ކަރު ފެންނަ ސީޓީ ސްކޭނެއް: މިއީ ޔުމްނުއަށް ލިބިފައި ހުރި އަނިޔާތަކުގެ ތެރެއިން އެންމެ ބޮޑު އަނިޔާ -- ފޮޓޯ: އާއިލާ
ކަރު ބިނދުގުމުގެ އިތުރުން ވެސް ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ވެފައި ހުއްޓެވެ. އޭގެ ތެރޭގައި އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ބިނދުން ހިމެނެ އެވެ. އެ ނޫން ވެސް ސީރިއަސް ޒަހަމްތަކެއް ވަނީ ވެފަ އެވެ.
"މިކަހަލ ސާޖަރީއެއް ދެން ކުރާކަށް ނުޖެހޭނެ. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިއްޔާ ޔުމްނުއަށް ދުވަސްކޮޅެއްގެ ތެރޭގައި އިށީނދެ ވެސް އިނދެވޭނެ،" މުއުމިން ބުނެފައި އޮތެވެ.
ޔުމްނު މެލޭޝިޔާއަށް ގެންދިޔައީ މާލޭގެ އައިޖީއެމްއެޗްގައި ނުވަ ދުވަހު ބޭއްވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ވެއްޓިފައި އޮއްވައި ފެނުނީ މި ހިނގާ އޭޕްރީލް 18، ގަ އެވެ.
ޔުމްނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތާމެދު އާންމުންގެ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ފުލުހުން ކިޔައިދީފައިވާ ވާހަކަތައް ދިމާނުވުމެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންނާމެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތަކަށް އަމަލު ކުރި ކަމަށް ވެސް ފުލުހުންނަށް ތުހުމަތު ކުރެވެ އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، އެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހިންގުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން ގޮވައިލުމުންނެވެ.
ޔުމްނުގެ ކަރު ބިނދިފައި އޮތުމުން ކުރި ފަސް ގަޑިއިރުގެ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި ޔުމްނުގެ ކަރު ބިނދިފައި އޮތުމުން ކުރި ފަސް ގަޑިއިރުގެ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ