ވެރިކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާފައި ވަނީ ބޮޑު ދޮގެއް ކަމަށާއި، ފަނޑިޔާރުގެ މިހާރު އޮތީ އެ މަނިކުފާނުގެ މުށުތެރެއަށް ލާފައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާ ގުޅޭ ގޮތުން އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުގެ އަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ދޮގެއްކަން ސާބިތުވާ އެއް ކަމަކީ، ސިޔާސީ ޕާޓީން ވަކިކޮށްލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހެޅުއްވި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު، އޭސީސީން ފޮނުވި ވަގު ސިޓީއެއްގެ މައްޗަށް ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމެވެ.
ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުކުރަން އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބެލިދާނެ ކަމަށް އެ ކޯޓުން ނިންމައި، ދެ ވަނަ އަޑުއެހުމެއް ފެށުމަށް ކައިރިވެފައި ވަނިކޮށް، މަހާޒު އާއި އަޒްމިރާލްދާ އަދި ހުސްނުއް ސުއޫދު ކުއްލި އަކަށް ސަސްޕެންޑުކުރި އެވެ.
ސަސްޕެންޑުކުރީ މައްސަލައިގައި ޖަވާބުދާރީވާން ފުރުސަތެއް ވެސް ދިނުމެއް ނެތި އެވެ.
އެ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުމަށް ރައީސް މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މަސައްކަތް ކުރެއްވި ކަމަށް، ސަސްޕެންޑު ކުރި ފަނޑިޔާރުން ތުހުމަތު ކުރައްވަ އެވެ.
ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އާއި އުޝާމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ތުހުމަތު ރައީސް މުއިއްޒު ވަނީ ދޮގު ކުރައްވައިފަ އެވެ.
އަލީ ހުސައިން ވިދާޅުވީ އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވިޔަސް، އެ ފަނޑިޔާރުންގެ އަމިއްލަ ނަފްސްގެ ދިފާއު ކުރެއްވުމަށް ފުރުސަތު ދީފައި ނެތް ކަމަށެވެ.
"ހަގީގަތުގައި ޖޭއެސްސީގައި އެބޭފުޅުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ފުރުސަތު ނުދީ، ހައްގުގައި އެބޭފުޅުންގެ ދިފާއުގައި، ނަފްސުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ. މިއީ ކޮންފަދަ ބޮޑު އަނިޔާވެރިކަމެއްތޯ،" އޭނާ ވިދާޅުވި އެވެ.
ބޮޑެތި ކުށް ކޮށްފައި ތިބޭ މުޖުރިމުންނަށް ވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބޭއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެފަދަ ފުރުސަތެއް ނުދިނުމުން މި ގައުމުގައި އިންސާފު ލިބިދާނެތޯ އަލީ ހުސައިން ސުވާލު އުފެއްދެވި އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމިއްލަ ނަފުސުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ކަމަށް ވާނަމަ ދެން މި ގައުމުގައި ކާކަށްތޯ އިންސާފު ލިބޭނީ، ކޮންތާކަށްތޯ އިންސާފު ހޯދަން ދާނީ،" އަލީ ހުސައިން ވިދާޅުވި އެވެ.
"ގައުމުގެ ހާލަތު ގޮސްފައި އޮތް ހިސާބު އަޅުގަނޑުމެންނަށް އެބަ އެނގޭ. ސާފުކޮށް ފަނޑިޔާރުގެ މިއޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށްލާފައި މުޅި ދައުލަތުގެ ތިން ބާރު މިވަނީ އެކުވެފައި. ރަައީސުލްޖުމްހޫރިއްޔާ އެކޭ އަޅުގަނޑުމެން ކިޔުމުގެ ބޭނުމެއް ނެތް. މިހާރު ހަމަ ސީދާ ހުދުމުހުތާރު ރަސްކަލަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ބަދަލުވަމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިހާރު އޮތްއިރު ދިފާއުގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށް މަހާޒު އާއި އަޒްމިރާލްދާ ވަނީ ހުށަހަޅުއްވާފަ އެވެ.
އަލީ ހުސައިން ވިދާޅުވީ ނިމިގެން ދިޔަ 19 ވަނަ މަޖިލީހުން ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ފުރުސަތު އޭރު ސަސްޕެންޑުކުރި ފަނޑިޔާރުން ބޭނުމެއް ނުކުރެއްވި އެވެ.
ރައީސް ހެއްދެވީ ބޮޑު ދޮގެއް، ފަނޑިޔާރުގެ އޮތީ މުށުތެރެއަށް ލާފައި: އަލީ ހުސައިން ރައީސް ހެއްދެވީ ބޮޑު ދޮގެއް، ފަނޑިޔާރުގެ އޮތީ މުށުތެރެއަށް ލާފައި: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ