އެންމެ މާތް 10 ދުވަހަށް ތައްޔާރުވާން ކުރެވިދާނެ 5 ކަމެއް
ޖާބިރުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «أَفْضَلُ أَيَّامِ الدُّنْيَا العَشْرُ» [(صحيح الجامع ١١٣٣) (أخرجه البزار كما في ((مجمع الزوائد)) للهيثمي (4/20)، والشجري في ((الأمالي)) (1687))] މާނައީ: "ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ (ޙައްޖުމަހުގެ ފުރަތަމަ) 10 ދުވަހެވެ." އާދެ! އެއީ ޛުލްޙިއްޖާމަހުގެ ފުރަތަމަ 10 ދުވަހެވެ. ޛުލްޙިއްޖާމަހުގެ ފުރަތަމަ 10 ދުވަހަކީ މުޅި އަހަރުތެރޭ އަންނާނެ އެންމެ މާތް ދުވަސްތަކެވެ. އެ ދުވަސްތަކުގައި މާތް ﷲގެ ވަޖުހުފުޅު އަދައިގެން ކުރާ ކޮންމެ ހެޔޮ ޢަމަލެއް އެއިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އަދި ހަމަ އެހެންމެ ސަވާބާއި ދަރުމައިގެ ގޮތުން ވެސް އެހެން ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލަށްވުރެ މާތްވެ އިތުރުވެގެން ވެއެވެ. މިފަދަ މާތް ދުވަސްތަކަކަށް ކުރިޔައިލާ ތައްޔާރުވާނީ ބުއްދިވެރިންނެވެ. އަޅުކަމުގެ މޫސުން އައިސް ވަނުމުން ކުރަންވީ ކޮންކޮން ކަންކަމެއް ތޯ ބަލައި ހޯދާއިރު ބައެއް ކަންކަމަށް ވަގުތު އޮންނާނީ ލަސްވެ ފަސްވެ ގޮސްފައެވެ. އެފަދައިން ބަދުނަސީބުގެ ތެރެއަށް ނުވެއްޓި ހުރުމަށް ޓަކައި އެ ދުވަސްތަކަށް ތައްޔާރުވުން ބުއްދިވެރިއެވެ. އެންމެ މާތް 10 ދުވަހަށް ތައްޔާރުވުމަށް ކުރެވިދާނެ 5 ކަމެއް މި ލިޔުމުގައި ހިމަނައިލާނަމެވެ. 1- އެ ދުވަހާ ބެހޭ ގޮތުން މަޢުލޫމާތު އެއްކުރުން ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރެވޭނީ އެ ކަމަކާ ބެހޭ ގޮތުން ޢިލްމު ލިބިގެންނެވެ. އެނގޭ މީހުންނާއި ނޭނގޭ މީހުން ތަފާތުވާނެއެވެ. އެނގިގެން ދަނެގެން ކުރާ ކޮންމެ ކަމެއް ވެސް ކާމިޔާބަށް ވާޞިލުވުން ގާތް ވެގެން ވެއެވެ. މި އަހަރުގެ ޙައްޖުމަސް ފެށެން ދެން ބާކީ މި އޮތީ ދާދި މަދު ދުވަސްކޮޅެއް ނޫންހެއްޔެވެ؟ ބާކީ 3 ހަފުތާއެވެ. މި ދުވަސްތަކުގައި ޙައްޖުމަހުގެ މާތްކަމާއި، އެ ދުވަހާ ގުޅިގެން އިސްލާމްދީން ކިޔައިދެނީ ކޮންކޮން ފިލާވާޅުތަކެއްތޯ ބަލާށެވެ! އެ ދުވަހު ލިބެން އޮތީ ކޮން އަޖުރެއްތޯ ދެނެގަންނާށެވެ! އޭރުން ތިމާގެ ޟަމީރު އެ ކަމަށް އެދެން ފަށާނެއެވެ. އެ ދުވަސްތަކުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހޯދޭނެއެވެ. މީސްމީޑިއާގެ އެކިއެކި މަންސަތަކަކީ މަޢުލޫމާތުން މުއްސަނދި ވެފައި ވާ ޖާގަތަކެވެ. އެ މަންސަތަކުގައި ރޭދުވާ ހޭދަކުރާއިރު އެދެވޭ ގޮތުގައި އޭގެ ބޭނުންހިފޭނެ އެއް މަގަކީ ޢިލްމު ހޯދުމެވެ. އަޅުކަމުގެ އެކިއެކި މޫސުންތަކާ ގުޅިގެން އެ ކަންކަމުގެ ޢިލްމު ހޯދާ ދިރާސާ ކުރާށެވެ. މި ފަހަރު ޙައްޖުމަހުގެ 10 ދުވަހާ ބެހޭގޮތުން ޞައްޙަ މަޢުލޫމާތު އެއްކުރަމާ ހިނގާށެވެ! 2- އެ ދިހަ ދުވަހަށް ޚާއްޞަ ތާވަލެއް ހެދުން ރޯދަމަހާ ޚިލާފަށް ޙައްޖުމަހަކީ ރަށުގައި ތިބޭ މީހުންނަށް އަޅުކަމުގެ ވަކި ޚާއްޞަ ކަންކަމެއް ކޮންމެ ދުވަހަކަށް ތަރުތީބު ކަނޑައަޅުއްވައިފައި ވާ ދުވަސްތަކެއް ނޫނެވެ. ރޯދަމަހުގައި ހާރުކެއުމާއި ތަރާވީހުނަމާދާއި ރޯދަވީއްލުމަކީ ދުވަހީ ތާވަލުގައި އޮންނަ ކަންކަމެވެ. ޙައްޖުމަހުގައި އެހެން އެކަން ނޯންނާތީ، ކުރާނެ ކަމެއް ނެތި ތިބޭ މީހުން މަދެއް ނޫނޭ ދެންނެވިދާނެއެވެ. އެހެންކަމުން މި ދުވަސްތަކުގައި އެންމެ ގިނައިން ސަވާބާއި ދަރުމަ ހޯދުމަށް ޓަކައި ވަކި ތަރުތީބަކާއި ދުވަހީ ތާވަލެއް ހަދައިލުން މުހިންމެވެ. އެތާވަލުގައި އެންމެ އިސްކަމެއްގެ ގޮތުގައި ނަމާދު ހިމަނާށެވެ! ނަމާދުގެ ވަގުތު ވަނުމުގެ 30 މިނެޓު ކުރިއަށް މަސައްކަތް ހުއްޓައިލެވޭނޭހެން ރާވާށެވެ. ނަމާދުތަކުގެ އިސްފަހުގައި އޮންނަ ރަވާތިބު ސުންނަތްތައް ވެސް އޭގެ ތެރޭ ހިމަނާށެވެ. އަދި ހަމައެހެންމެ ޤުރުއާން ކިޔަވަން ޚާއްޞަ 2 ވަގުތެއް ނުވަތަ ތިން ވަގުތެއް ކަނޑައަޅައި އެ ތާވަލާ އެއްގޮތަށް މި 10 ދުވަހު އުޅެވޭތޯ ބަލާށެވެ. އިތުރަށް ވަގުތުކޮޅެއް ދެވެންޏާ ތަރުޖަމާ ކިޔައިލާށާއި ޢާއިލާގެ މީހަކާ އެކު ޤުރުއާނުގެ މާނަ ބަލައިލުމަށް ހަމަޖައްސާށެވެ. 3- ޙައްޖު ދުވަހުގެ ރޯދައަށް ތައްޔާރުވުން ޙައްޖުދުވަހު ރޯދަހިފުމަކީ ވަރަށް މާތް ކަމެކެވެ. އަޅުގަނޑުމެން ސުންނަތް ރޯދަތަށް ހިފަން ހިތްވަރެއް ހޯދުމުގެ ގޮތުން ވެސް މިއީ ރަނގަޅު ފެށުމަކަށް ވެދާނެ ނޫންތޯއެވެ؟ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ލިބިގަތުމަށް ޓަކައި އެ މަހުގެ ފުރަތަމަ 9 ދުވަހު ރޯދައަށް ހުރުމަކީ ބާރުއަޅުއްވައިފައި އޮންނަ ކަމެކެވެ. އެންމެ ފުރަތަމަ 8 ދުވަހު ރޯދަ ނުހިފުނަސް 9ވަނަ ދުވަހު (ޢަރަފާތް ދުވަހު) ރޯދަހިފަން ސިކުނޑިއާއި ޖިސްމު މިހާރުއްސުރެ ތައްޔާރުކުރާށެވެ. ޢަރަފާތް ދުވަހުގެ ރޯދައާ ބެހޭގޮތުން އަބޫޤަތާދާގެފާނު އަރިހުން ރިވާވެގެން އައި ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ޢަރަފާތްދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ (ކުދި ފާފަ) ފުހެލާނޭ އަޅުކަމެކެވެ." މި ޙަދީޘް ނެރުއްވީ އިބުނު މާޖާއެވެ. 4- އުޟުހިޔާއަށް ތައްޔާރުވުން ތިބާއަށް ފުދުންތެރިކަން ލިބިގެން ވާ ނަމަ، މި އަހަރުގެ ޤުރުބާނީގެ ދުވަހު އުޟުޙިޔާއެއް ކަތިލަން ތައްޔާރުވާށެވެ. އަދި އެ އަޅުކަން ޝަރުޢުކުރެވިފައި އޮތް ޙިކުމަތަށް ވިސްނައި ތަދައްބުރުކުރާށެވެ. އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނުގެ ޤުރުބާނީގެ ވާހަކަ ކިޔައި އެއިން ޢިބުރަތް ހާސިލުކުރާށެވެ. ޢާއިލާ ތިމާގެ މީހުންނަށް ވެސް އެ ވާހަކައިން ހަނދާންކޮށްދޭށެވެ. އުޟުޙިޔާ ކަތިލުމަކީ މަތިވެރި ސުންނަތެކެވެ. ފާފަފުހެވުމެކެވެ. ކަތިލާ ޖަނަވާރުން އޮހޮރޭ ލޭ ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފުހެވޭނޭ ކަމަށް ޞައްޙަ ޙަދީޘުން އެންގެން އެބަ އޮތެވެ. ތިބާއާއި ތިބާގެ ލޯބިވާ ޢާއިލާގެ ފާރާތުން ޤުރުބާނީ ކަތިލުމާމެދު ވިސްނައި އެ ކަމަށް ތައްޔާރުވާން އަވަހަށް ފަށަން ރަނގަޅު ވަގުތަކީ މިއީއެވެ. 5- ޞަދަޤާތްކުރަން ފަރިތަވެލުން އަމިއްލަ ނަފުސާއި ދަރީން ޞަދަޤާތަށް ހޭނުވުމަށް ޓަކައި ޙައްޖުމަހުގެ ފުރަތަމަ 10އެއްގެ ކޮންމެ ދުވަހަކު ޞަދަޤާތެއް ކުރެވޭ ގޮތަށް މިއަދުން ފެށިގެން ތައްޔާރުވާށެވެ. ދުވާހަލަކަށް 10 ރުފިޔާ ނުވަތަ 5 ރުފިޔާ ނަމަވެސް ހޭދަކުރުމަށް ޓަކައި ލާރި މާރުކޮށް ތައްޔާރުވުމަކީ އަޅުގަނޑުމެންގެ ގެތަކުގައި ދީނީ ކަންކަމުގެ ފޯރި އާލާކޮށް ދިރުވޭނޭ ކަމެކެވެ. ބަރަކާތްތެރި އެ 10 ދުވަހުގެ އެންމެ މާތް މަތިވެރި ސަވާބާއި ދަރުމަ ހޯދުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާނދޭޥެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ