ތިމާއަށް އެނގޭ ކަންތައްތަކުގެ މައްޗަށް ޢަމަލުކުރާ މީހަކަށް ﷲ ތަޢާލާ ކާމިޔާބުގެ މަގު ހުޅުއްވަވައިދެއްވާނެތެވެ!: އުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ
 
އަޚުންނާއި އުޚްތުންނޭވެ! މިއަދުގެ ދުނިޔެއަށާއި، މުސްލިމުންގެ ޙާލަތަށާއި، އަޅުގަނޑުމެންގެ އަމިއްލަ އަދި މުޖުތަމަޢުގެ ކަންކަމަށް ވިސްނާލުމުން، ބަލިކަށިކަމާއި ޖެހިލުންވުމުގެ ވިސްނުމެއް ފެންނަން އެބައޮތެވެ. މި ވިސްނުމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިމްތިޙާނާޙާނާއި ފިތުނަ އަދި ދަތިކަން ކަނޑައަޅުއްވާފައިވާކަން ޤަބޫލުކުރުމާއެކު، ފަސޭހަކަން އަންނާނެ ވަގުތު ނޭނގޭކަމުގެ އިޙްސާސެވެ. އެހެންނަމަވެސް، އިންޝާﷲ އާޚިރަތުގައި ﷲ އަޅުގަނޑުމެންނަށް ޖަޒާ ދެއްވާނެކަން ޔަޤީނެވެ. 
އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތްތަކަށް ބަލާއިރު، ދީނާ ކުރިމަތިލަނީ ހެޔޮ ނިޔަތާއެކުގައެވެ. ނަމަވެސް، ބައެއްފަހަރު އަޅުގަނޑުމެންގެ މަސައްކަތް ފުރިހަމަ ނުވެއެވެ. އެއީ ﷲ އެކަން ޤަބޫލުކުރައްވާނެކަމާއި، އޭގެން ކޮންމެވެސް ހެޔޮކަމެއް ނުކުންނާނެކަމުގެ ޔަޤީންކަން ނެތުމެވެ. ނަމަވެސް ޞަޙާބީންގެ ކިބައިން ފެނިގެންދިޔައީ، ރަސޫލާ ﷺ ގެ އަރިހުން ދަސްކުރެއްވި، މި ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭނެކަމުގެ ވިސްނުމެވެ. 
ކާމިޔާބުގެ ވިސްނުމަކަށް ވާޞިލުވުމަށްޓަކައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި އުއްމަތަށް ބަލައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ހެޔޮ ކަމެއް ލިޔުއްވާނެކަމުގެ ޔަޤީންކަން ދޫކޮށްނުލައި މަސައްކަތްކުރަންޖެހެއެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިން، ޖަންނަތުގެ އަހުލުވެރިންނަށް ލިބޭނީ އެބައިމީހުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރެވިގެންވާ ޖަޒާއެވެ. 
އަޅުގަނޑުމެން ﷲ ސުބްޙާނަހޫ ވަތަޢާލާއާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ އަމިއްލަ އަދި މުޖުތަމަޢުގެ މަގުޗާޓާއެކު، ﷲ މަސައްކަތްތަކަށް ޖަޒާ ދެއްވާނެކަން ޔަޤީންކުރަންޖެހެއެވެ. ކޮންމެ ހެޔޮކަމަކަށް އެޅޭ ކޮންމެ ފިޔަވަޅެއް، އަދި އޭގެ ހުރިހާ ހެޔޮ އަސަރުތަކެއް ﷲ ހިއްޕަވައެވެ. 
ނަބިއްޔާ ﷺ އުނގަންނައިދެއްވާފައިވާ ފަދައިން، ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ހެޔޮކަމެއް ގަސްތުކުރާ މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮކަން ލިޔުއްވައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަންކަބޫތް ސޫރަތުގެ 69 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ފަދައިން،
وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ‎﴿٦٩﴾
މާނައީ: "ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ. (69)" 
މި އާޔަތުން ދޭހަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަގުގައި ޖިހާދުކުރާ މީހުންނަށް ހަމައެކަނި ޘަވާބު ދެއްވުމުގެ އިތުރުން، މިދުނިޔެއާއި އާޚިރަތުގައި އިތުރު ދަރުމަތަކަށް ވާސިލުވުމުގެ މަގުތައްވެސް ފަހިކޮށްދެއްވާކަމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ދައްކަވާ ރަނގަޅު މަގަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، އިޚްލާޞްތެރިކަމާއި ދަރުމަ ލިބުމުގެ އިތުރުން، ސާފުކަމާއި އުފެއްދުންތެރިކަން ވެސް ލިބިގެންދާނެއެވެ. މީހަކު އެއްޗެއް ހޯދަން މަސައްކަތްކޮށް، އެކަމަށް ޢަމަލުކުރަމުންދާނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ދަތުރުގެ ދެން އޮތް މަރުޙަލާ ހުޅުވައިދެއްވާނެއެވެ. 
ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިން، ޢިލްމު ލިބެނީ ޢިލްމު ހޯދުމުންނެވެ. ޢިލްމުވެރި ވަނީ ހަމައެކަނި ދުޢާކުރުމަކުން ނޫނެވެ. އެމީހުން މަސައްކަތްކޮށް، އުނގެނި، އަދި އުނގެނޭ އެއްޗަކަށް ޢަމަލުކުރެއެވެ. އޭރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންގެ ހިތްތައް ހުޅުވައިދެއްވައި، ފަހުމުވުމާއި ފުރުޞަތުތައް ދެއްވައެވެ. 
ކެތްތެރިކަން އަންނަނީ ކެތްތެރިކަން އުނގެނުމުންނެވެ. ރަނގަޅު އަޚްލާޤު ލިބެނީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކާ އެއްގޮތަށް ޢަމަލުކުރުމުންނެވެ. އޭރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އިތުރު ފުރުޞަތުތައް ހުޅުވައިދެއްވައެވެ. 
ކޮންމެ ދަތިކަމަކީ ވެސް ފުރުޞަތެކެވެ. އަޅުގަނޑުމެން ކުރިމަތިވާ ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ އީމާންކަމާއި ކެތްތެރިކަން ވަޒަންކުރުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާ އިމްތިޙާނުތަކެކެވެ. މި އިމްތިޙާނުތަކުގައި ކާމިޔާބުވުމަށް، އަޅުގަނޑުމެން ވާންޖެހޭނީ:
އީމާންކަމުގައި ސާބިތުވެ ތިބޭ ބަޔަކަށް
ﷲ އަށް ތަވައްކުލުކުރާ ބަޔަކަށް
މަސައްކަތުގައި ދެމިތިބޭ ބަޔަކަށް
އުއްމީދު ކަނޑާނުލާ ބަޔަކަށް
އަތުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރާ ބަޔަކަށް
މިގޮތަށް ޢަމަލުކުރުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކުރިއެރުމާއި ކާމިޔާބުގެ ދޮރުތައް ހުޅުވައިދެއްވާނެކަން ޔަޤީނެވެ.  
އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސަށް ސުވާލުކުރަންވީ:
ﷲ ދެއްވާފައިވާ ނިޢުމަތްތަކާމެދު އަޅުގަނޑު ޢަމަލުކުރަނީ ކިހިނެއްތޯ؟ އަޅުގަނޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އަޅުގަނޑު ކިހާ މިންވަރަކަށް މަސައްކަތްކުރަންތޯ؟
އަޅުގަނޑުގެ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ؟ 
މި ސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދީ، އިޞްލާޙުވާން ޖެހޭ ކަންކަން އިޞްލާޙުކޮށް، ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރާ މީހުންނަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު މިންވަރުކުރައްވާނެކަން ޔަޤީނެވެ. 
ނިންމާލުމުގެ ގޮތުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމާއެކު، އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، ދީނީ އަދި ދުނިޔަވީ ކަންކަމުގައި ކުރިއެރުން ހޯދުމަށް ދެމިތިބެ މަސައްކަތްކުރަމާ ހިނގާށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ތައުފީޤު ދެއްވާށިއެވެ. އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ