ކެފޭ ބަދިގޭގައި ހިންގި މާރާމާރީ: އެކަކަށް އައިސީޔޫގައި ފަރުވާދެނީ

އިއްޔެ މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. މި މާރާމާރީ ހިނގީ ދެ ބިދޭސީންގެ މެދުގައެވެ. "ސަން"އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ އަނިޔާވެ އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށާއި އައިސީޔޫގައި ފަރުވާ ދެނީ އޭނާއަށް ކަމަށެވެ. އަދި އޭނާއާއެކު ހޮސްޕިޓަލަށް ގެނައި ނޭޕާލް މީހާގެ ހާލު ގޯސް ނޫން ކަމަށާއި އޭނާ މިހާރު ވޯޑަށް ބަދަލުކޮށްފައި ވާކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އެމީހުންނަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު ހޮސްޕިޓަލުން ހަމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އަނިޔާވެފައި ވަނީ ތޫނު އެއްޗަކުން ކަމަށް ބެލެވޭކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ބިދޭސީން ކެފޭގެ ބަދިގެތެރޭގައި މާރާމާރީ ހިންގައެެ. އަދި އަނިޔާވެފައިވާ ބިދޭސީ މީހާ ކެފޭގެ ގޮނޑިއެއްގައި އިށީންދެގެން އިންނަ މަންޒަރު އިތުރު ވީޑިއޯއަކުން ފެނެއެވެ. އޭނާގެ ގައިގައި ލޭ އުނގުޅިފައި ހުއްޓެވެ. https://sun.mv/202203 މާލޭގައި މާރާމާރީ ހިންގާ މިންވަރު މިފަހަކަށް އައިސް ވަނީ ވަރަށް ގިނަ ވެފައެވެ. އެގޮތުން ރޭގެ ވަގިތެއްގައި އައިޖީއެމްއެޗް ކައިރީ ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ