ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރަން ޚާއްސަ ތަނެއް ބެހެއްޓުން ލާޒިމުކުރަނީ

ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ޚާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ. އެޗްޑީސީން މިއަދު އެކްސްގައި ހިއްސާކުރި ވީޑިއޯއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ ހުޅުމާލޭގެ އެކި ހިސާބުތަކުގައި މީހުން ދިރިއުޅޭ ބިލްޑިންގުތަކުގައިއާއި އެކިއެކި ކޮމާޝަލް ބިލްޑިންގުތަކާއި ކޮމާޝަލް އޭރިއާތަކާއި މީހުން ދިރިއުޅޭ އެޕާޓްމެންޓުތައް ހުންނަ ލަގްޒަރީ ބިލްޑިންގުތަކުގައި ވެސް ނަމާދު ކުރާނެ ކޮޓަރިއެއް ފަހިކޮށްދިނުމާ ގުޅޭ ގޮތުން މިއަދު އެޗްޑީސީއާ މަޝްވަރާކުރެއްވި ކަމަށެވެ. https://x.com/hdcmaldives/status/1912441891142217988 "ބައެއް އިސްލާމީ ގައުމުތަކުގައި, މިސާލަކަށް އަޅުގަނޑުމެން ބަލާނަމަ މެލޭޝިއާ ފަދަ ގައުމުތަކުގައި ޝޮޕިން މޯލްތަކާއި އަދި ކޮމާޝަލް އޭރިއާތަކުގައި ބިލްޑިންތަކުގައި ހުންނާނެ ސުރާއޫ ކިޔާ ތަނެއް، ސުރާއޫގެ މާނައަކީ ނަމާދު ކުރާ ޖާގަ،" އޭނާ ވިދާޅުވިއެވެ. "އެހެންވީމަ ދިވެހިރާއްޖެ ފަދަ އިސްލާމީ ސައްތައިންސައިތަ މުސްލިމް ގައުމެއްގައި ވެސް މިފަދަ ޖާގައެއް ތަނަވަސްވެފައި ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް." ޝަހީމް ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިސްނަންގަވައިގެން، އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. "އެނގިިވަޑައިގަންނަވާނެ ފަދައިން ހުރިހާ ބޭފުޅުންނަށް ރާއްޖޭގައި އަދި އަމުދުން މިހާރު މި ތަރައްގީވަމުން މިދާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ބިލްޑިންގެއްގެ ކައިރީގައެއް މިސްކިތެއް ނުހުރޭ. މިހެންވުމުގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވެ، ވަކިން ޚާއްސަކޮށް ރަމަޟާން މަހުގައި،" އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، އިމާރާތްތަކުގެ ތެރޭގައި އެންމެންނަށް ވެސް ނަމާދު ކުރެވޭނެ ފަދަ ޖާގައެއް ހުރުން މުހިންމު ކަމަށް ޝަހީމް ވިދާޅުވިއެވެ. https://sun.mv/204861 އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ވެސް މިއަދު އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވެއެވެ. އެ މަސައްކަތް އަމިއްލަ ފަރާތަކުން ކުރަނީ އަމިއްލަ ޚަރަދުގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ