ރާއްޖޭން ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ޣައްޒާގެ އާއިލާތަކަށް ފޮނުވައިފި

ޣައްޒާގައި ބަނޑުހައިހޫނުކަން ތަހަންމަލުކުރާ އާއިލާތަކަށް ރާއްޖޭން ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ޒަކާތު ހައުސްއަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގައި ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށެވެ. މިނިސްޓްރީން އެކަމާ ގުޅިގެން ވަނީ ވީޑިއޯއެއް ވެސް ހާމަކޮށްފައެވެ. އެ ވީޑިއޯގައި ދިވެހީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވި ކާބޯތަކެތީގެ ޕެކުތައް ފޯރުކޮށްދޭ މަންޒަރު ފެނެއެވެ. އަދި، އެ ޕެކުތަކުގައި ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން ކަމަށް ލިޔެފައިވެއެވެ. https://x.com/MVIaffairs/status/1910231532067049965 މީގެކުރިން ވެސް ޒަކާތުން ފަންޑުން ވަނީ، ފަލަސްތީނު ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވި ގޮތުގައި މި ރޯދަމަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް މިހާރު ވަނީ އެ ފައިސާ ދީފައެވެ. އެގޮތުން ފަގީރުންގެ ދަފުތަރުފައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ބާކީ 500،000 ރުފިޔާ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ. އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެގައުމުގެ އެތައް އާއިލާތަކެއް ވަނީ ހާލުގައި ޖެހިފައެވެ. އެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަޚަމުވެ، ޝަހީދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ