ބަޔާން ނެގުމަށް ޝަމްއާން ފުލުހަށް ހާޒިރުކޮށްފި ބަޔާން ނެގުމަށް ޝަމްއާން ފުލުހަށް ހާޒިރުކޮށްފި

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ މުހައްމަދު ޝަމްއާން ވަހީދު ބަޔާން ނެގުމަށް މިއަދު ފުލުހަށް ހާޒިރުކޮށްފި އެވެ.
ޝަމްއާންގެ އާއިލާއިން އަދަދު އަށް ބުނީ ބަޔާން ނެގުމަށް ޝަމްއާން ހާޒިރުކުރި ވަގުތު އާއިލާއިން އެ ތަނުގައި ހަރަކާތްތެރިވާތީ ފުލުހުންވަނީ އާއިލާއިން ހުރަސްއަޅާނަމަ ދީފައި ހުރި ލުއިތައް އަތުލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ. އެކަމަކު ފުލުހުންގެ މަސައްކަތަކަށް ހުރަސް އެޅުމުގެ ގޮތުން އާއިލާއިން އެއްވެސް ކަމެއް ކޮށްފައިނުވާނޭކަމަށް ވެސް އާއިލާއިން ބުނެ އެވެ.
"ބަޔާން ނަގަން ގެނައީ. ބުނީ ހުރަސްއަޅައިފިއްޔާ ލުއިތައް ކަނޑާލާނަމޯ،" އޭނާގެ އާއިލާއިން ބުންޏެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި ޝަމްއާންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 15 ދުވަހަށް އިތުރުކުރުމަށްފަހު، ފަހުން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މައްސަލައިގައި މީގެ ކުރިން ވެސް ބަޔާން ނެގުމަށް ޝަމްއާން ފުލުހަށް ހާޒިރުކުރި އެވެ. އެހެންނަމަވެސް އެ ދުވަހު ބަޔާން ނެގުމުގެ ބަދަލުގައި ފުލުހަށް ހާޒިރުކުރުމަށްފަހު އޭނާ ހައްޔަރުކުރީ އެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައި ހުކުމާ ހިސާބަށް ވަނީ ގޮސްފަ އެވެ. އެކަމަކު ހުކުމް ކުރުން އޮންނަ ދުވަހެއް އެ ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.
ޝަމްއާންގެ އަނބިކަނބަލުން ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ.
ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ