21 ވަނަ ޤަރުނުގެ ޒަމާނީ ޑިޖިޓަލް އިންޤިލާބީ ބަދަލު ދިވެހިރާއްޖެއަށް ގެނެސްދެވިއްޖެނަމަ ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ، ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށެވެ. ހަމަމިއާއެކު އައިސީޓީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައިވެސް، ސަރުކާރުން މުހިންމު މަސައްކަތެއް ފަށައިގެން ކުރިއަށް ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 21 ވަނަ ޤަރުނުގެ ޒަމާނީ ބޮޑު ޑިޖިޓަލް އިންޤިލާބީ ބަދަލު ދިވެހިރާއްޖެއަށް ގެންނަން ބޭނުންފުޅުވާކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ މިނިޒާމް ޤާއިމުވެގެންދާނީ ވަކި އޮފީހެއް ވަކި މުއައްސަސާއެއްގައި ނޫންކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި، އެއްގޮތަކަށް، އެއް މިންގަނޑަކަށް، މި މިޒާމް ޤާއިމްވެގެންދާނެކަމަށެވެ. ހަމަމިއާއެކު ދުނިޔޭގައި ކުރިއަރާފައިވާ، މިފަދަ އިތުބާރު ހުރި ފަސޭހަ ޒަމާނީ ގޮތްތައް ދިވެހި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން ބޭނުންފުޅުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވުމާއެކު، ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނަން ފަށާނެކަމަށެވެ.
"މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދިއުން. ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި މީހުންނަށް ފެންނަންފެށުން. ސިޓީތަކާއި އެހެނިހެން ފޯމުތައް ހުށަހެޅުމަށް އިސްރާފުވެ ގެއްލިގެންދާ ވަގުތުތައް ސަލާމަތްވުން. އޭރުން ވަކި ސިސްޓަމެއްގެ ތެރެއިން ކަންކަމުގެ ސްޓޭޓަސް ބަލާލެވި ސަރުކާރުން އެޓެންޑް ވަމުންދާގޮތް ވަގުތުން ފެންނަމުންދާނެ. ތިމާގެ އަމިއްލަ ރެކޯޑްސްއަށް އެއްވެސް ފަރާތަކުން އެކްސެސް ވިއަސް، ބަދަލެއް ގެނައިކަމުގައި ވިޔަސް، އޭގެ ފުރިހަމަ މަޢުލޫމާތު އެމީހަކަށް ވަގުތުން ބަލާލުމުގެ ހިތްހަމަޖެހުމާއި، ރައްކާތެރިކަން ޔަޤީންވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް އައިޑީ އެއްގެ ގޮތުގައި އީ-ފާސް ތަރައްޤީ ކުރެވިފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްތަކާއި ހަމަކުރެވޭ މިންވަރަށް ޑިޖިޓަލް އައިޑީ ތަރައްޤީކޮށް އީފާސްގެ އާކިޓެކްޗަރ ހަރުދަނާ ކުރެވިފައިނުވާކަމަށެވެ. ވުމާއެކު މި ދާއިރާވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކަށްފެތޭހެން ތަރައްޤީކޮށް ކުރި އަރުވަންޖެހޭކަމަށް ވިދާޅުވިއެވެ.
"ޑިޖިޓަލް އިންޤިލާބީ ބަދަލެއް ގެނެވިއްޖެނަމަ ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑުކޮށް ފެންނާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ