ރިޔާސީ ބަޔާން 2025: ޒުވާނުންނަކީ ދިވެހި ޚިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތަކެއް ކަމަށާ، އެ ތަރިތަކުގެ ވިދުމާއި ބެބުޅުމަށް ޖާގަދޭން ޖެހޭނެ: ރައީސް

ޤައުމުގެ މުސްތަޤްބަލަކީ އަދުގެ ޒުވާނުން ކަމަށާއި، ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި ވިޔާނުދާ ޢަމަލުތަކުން އެފަރާތްތައް ރައްކާތެރިކުރުމަކީ އެ މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައި އޮތް މުހިންމު ޒިންމާއެއް، އަދި ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ކޮންމެ ދާއިރާއެއްގައި ޚިދުމަތްކުރިޔަސް ޒުވާނުންނަކީ ޤައުމެއްގެ ދިރެމުންދާ އަދި ފޯދެމުންދާ އާބާދީ ކަމަށާއި ޤައުމެއްގެ އެންމެ އަގުހުރި އެއް ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުން ކަމުގައި ސިފަކުރައްވައި، ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ހަކަތައާއި ވާގިވެރިކަން ކިތަންމެހައި ވެސް ބޮޑަކަށް ބޭނުންވާ ކަމުގައެވެ. އެ ކަމަށްޓަކައި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ތަމްރީނު ކުރެވެމުން ދާ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކޮމިއުނިޓީ އަޕް ސްކިލިންގ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމުގެ މަޤުޞަދުގައި މިހާތަނަށް 21 ރަށެއްގައި 166 ޒުވާނުން ވަނީ އެ ތަމްރީނު ފުރިހަމަކޮށްފައިކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ކަންކަމުގެ އިތުރަށް، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް 500 ޒުވާނުންނަށް އަމާޒުކޮށްގެން، މި އަހަރުގެތެރޭގައި ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށް ކަނޑައެޅިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޒުވާނުން މުޖުތަމަޢުގައި ހަވާސާ ވިޔަނުދީ ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ ފުރުޞަތުތައް އަދުގެ ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވެ، ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހު އިޢުލާންކުރެއްވި ނޭޝަނަލް ސަރވިސްގެ ނިޒާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި، ޢިލްމާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރެވޭނެ ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައެވެ. ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން، މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވަން ބޭނުންފުޅުވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ކުރެވޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާ، ޤައުމީ ޙަޔާތާއި، އަޚްލާޤާއި ޢިލްމީ މައިދާން، އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދިވެހި ޤައުމުގެ ޒުވާނުންނަކީ ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދޭނެކަމީ އެ މަނިކުފާނު ކުޑަކޮށްވެސް ޝައްކުކުރައްވާ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުންނާ މެދު ކުރެވޭ އުންމީދާއި އެ ޒުވާނުންގެ މައްޗަށް ކުރެވޭ އިތުބާރު މަތިވެރިކަމުގައި ވިދާޅުވެ، ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުންނަކީ ދިވެހި ޚިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތަކެއް ކަމަށާ، އެ ތަރިތަކުގެ ވިދުމާއި ބެބުޅުމަށް ޖާގަދޭން ޖެހޭނެ ކަމަށެވެ.
އުފާވެރި ދިރިއުޅުމަކަށްޓަކައި، ޙަރަކާތްތެރިކަމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، އެކަމަށްޓަކައި ފިޓްނަސްއާއި ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޭނުންތެރި ދާއިރާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތްހަމަ، ފެންވަރު ރަނގަޅު ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމެއް އަދި ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ބިނާ ކުރަނިވި އެތައް މަޝްވަރާތަކަކަށްފަހު، ވިހި އަހަރުގެ ޤައުމީ ކުޅިވަރު ތަރައްޤީގެ ޕްލޭނެއް މިހާރު އެކުލަވާލެވިފައި ވާ ކަމަށާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު، ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑު މިހާރު އެކުލަވާލެވިފައި ވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސްއާއި، މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސް އަދި ޑްރިފްޓިންގ ސްޓޭޑިއަމްއާއި، މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ޤާއިމުކުރެވޭ އިންޓަނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ކުޅިވަރުގެ ދާއިރާ ސިފަކުރައްވާފައިވަނީ، އެކަމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރަށް، ޞިއްޙީ އަޚްލާޤީ ފައިދާތަކާއެކު، ޤައުމަށް ރީތި ނަން ވެސް ލިބިދޭ ދާއިރާއެއްގެ ގޮތުގައެވެ. މި ގޮތުން ބަލާއިރު، ފާއިތުވި އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ވަނީ އާ ރެކޯޑުތަކެއް ޤާއިމުކުރެވިފައި ކަން، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ