"އައްޑޫ މީހުންނަކީ ތިމަންނައާ ބެހޭބައެއް ނޫން"ކަމަށް ޣައްސާން ވިދާޅުވުމުން ރައީސަށް ސިޓީއެއް
އައްޑޫއަކީ ތިމަންނާއާ ބެހޭ ތަނެއް ނޫންކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވި މައްސަލައެއް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފި އެވެ. އައްދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ރިޔާސީ ބަޔާނަށްފަހު މަޖިލިސް ތެރެއިން ޣައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގައި ވަޒީރު އައްޑޫގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ވަރަށް ހުތުރުކޮށް ވާހަކަދައްކަވާފައިވާ ކަމަށެވެ. މެންބަރު އަބްދުއްރަހްމާން: 'އައްޑޫ މީހުންނަކީ ތިމަންނައާ ބެހޭބައެއް ނޫން'ކަމަށް ޣައްސާން ވިދާޅުވުމުން އައްދު ވަނީ ރައީސަށް ސިޓީއެއް ފޮނުއްވާފައި -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް އައްދު ވަނީ މި މައްސަލައާ ގުޅިގެން ރައީސަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. ސިޓީގައި އައްދު ވަނީ 35،000ގެ އާބާދީއެއް އޮންނަ އައްޑޫގެ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދައިން އެއްވެސް ވަޒީރަކަށް މުޚާޠަބު ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ. "ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ އިދާރާއިން ވަޒީރު ޣައްސާން މައުމޫނާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ގުޅުއްވި ކަމަށް ވިދާޅުވުމުން ވަޒީރު ކޯފާ އިސްކުރެއްވި" އައްދުގެ ސިޓީގައި ވިދާޅުވިއެވެ. "ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫ އަކީ މަށާ ބެހޭވެސް ތަނެއް ނޫން" ޣައްސާން ވިދާޅުވިކަމަށް އައްދު ލިޔުއްވާފައި ވެއެވެ. މީގެއިތުރުން، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޣައްސާނަކީ މެންބަރު އައްދުއާ ގާތުން މަސައްކަތްކުރެއްވި ބޭފުޅަކަށްވުމުން ކެމްޕޭނު ދުވަސްވަރުގައި ދެއްކެވި ވާހަކަފުޅެއް ހަނދުމަކޮށްދެއްވިކަމަށް އައްދު ވަނީ ވިދާޅުވެފައެވެ. https://x.com/MpAhdhu/status/1887529913059844188 "އަޅުގަނޑު ގާތުގައި އައްޑޫ ރައްޔިތުން އެ ބޭފުޅުންނަށް [ސަރުކާރަށް] ވޯޓު ދެއްވައިފިނަމަ، އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނަމޭ ވިދާޅުވި" އައްދު ފާހަގަކުރެއްވިއެވެ. އައްދު މިހެން ވިދާޅުވުމުން ބަދަލުގައި ޣައްސާން 'ތިމަންނާ އައްޑުއަށް ދިޔައީ ކަލޭމެން އެދިގެން'ކަމަށް ވިދާޅުވެފައި ވާކަމަށް އެ ސިޓީގައި ލިޔުއްވާފައި ވެއެވެ. އައްދު ވަނީ މިނިސްޓަރަށް ގުޅުއްވި ސަބަބު ވެސް އެކްސްގައި ހާމަކުރައްވާފައެވެ. އޭނާ ލިޔުއްވާފައި ވާގޮތުގައި އޭނާ މިނިސްޓަރަށް ގުޅުއްވީ: ކަނޑު އުޅަނދުފަހަރު ދުއްވާ ބޭފުޅުންނަށް ހާދިސާއެއް ދިމާވުމުން އުޅަނދުގައި ތިބި މީހުން އެކަނި ސަލާމަތްކޮށް ރައްޔިތުންގެ އަގުބޮޑު މުދަލާއި އުޅަނދު ސަލާމަތްކުރަން މަސައްކަތްނުކޮށް ދޫކޮށްލާ މައްސަލައެއް ހައްލެއް ހޯދުމަށް. އައްޑޫ ސިޓީ ކައުންސިލް، އަދި އެތައް ރައްޔިތުންނާއި ސްޓޭކް ހޯލްޑަރުންނާއި ދެކޮޅަށް އައްޑޫ ގަމުގެ ތަރައްގީއަށް ހަދާފައިވާ ޕްލޭނާ ޚިލާފަށް ގަމުން ބޮޑުބައެއް މިލިޓަރީ ބޭނުމަށް އަދި ޑްރޯން ބޭސް ހެދުމަށް ނިންމެވުމާ ގުޅިގެން. އައްދު ރައީސަށް ފޮނުއްވި ސިޓީގައި ވަނީ މިނިސްޓަރު ޣައްސާން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ދެންނެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ވަޒީރުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވަޒީރުކަމަށް އައްޔަންކުރެވުނު އިރު ކޮށްފައިވާ ހުވައި އަލުން ހަނދުމަކޮށް އެރުވުމަށް ވެސް ވަނީ ދަންނަވާފައެވެ. އައްދުއަކީ އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރައްވާ މިނިވަން މަޖިލީސް މެންބަރެކެވެ. އައްޑޫގެ މެންބަރުންގެ ތެރެއިން ވެސް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވީ އައްދު އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ