އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުތައް ތަރައްގީކޮށް ފުރުސަތުތައް ހޯދައިދޭންޖެހޭ: މެޑަމް ސާޖިދާ

އޯޓިޒަމް ހުންނަ ފަރާތްތަކުގެ ކިބައިގައި ހުންނަ ހުނަރުތައް ތަރައްގީކޮށް ވިހާވެސް ގިނަ ފުރުސަތުތައް އެފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15ވަނަ އަހަރީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އޯޓިޒަމް ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތަކާއި އެ ފަރާތްތަކުގެ އިޙުސާސްތަކަށް ދިވެހި މުޖުތަމަޢު ވަރަށް ބޮޑަށް ހޭލުންތެރިކުރަންޖެހޭ ކަމަށެވެ. އަދި އެ މީހުންނަކީ މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ބިނާކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އޯޓިޒަމް ހުންނަ މީހުންނާއި ކުދިންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވުމުން އެ ފަރާތްތަކާއި މެދު، މުޖުތަމަޢު ވިސްނުން ގެންގުޅޭ ގޮތާއި އެ މީހުންނާއެކު އުޅޭއިރު ޢަމަލުތައް ބަހައްޓާ ގޮތް ތަފާތު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އޯޓިޒަމް ހުންނަ މީހުންގެ ކިބައިގައިވެސް ޚާއްސަ ހުނަރެއް ހުރެދާނެ ކަމަށާއި އެކަން ދެނެގަނެ އެ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކުރުން މުހިންމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
"އަމިއްލަ ހައްޤުތަކަށް ވަކާލާތުކުރެވޭނެ މާޙައުލެއް އެ ކުދިންނަށް ފަހި ކޮށްދޭންޖެހޭ. އެކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އޯޓިޒަމަކީ ޞިއްހީ ގޮތުން އިންސާނާ ތަޖުރިބާކާރުކުރާ ޚާއްސަ ހާލަތެއް. ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ކަމެއް. އެ ފަރުވާއާއި ބެލެހެއްޓުން ދެވިއްޖެނަމަ އާދަޔާޚިލާފު ނަތީޖާތައް ނެރެވޭ." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި އޯޓިޒަމް ހުންނަކަން އެނގުމުން މާޔޫސްވުމުގެ ބަދަލުގައި އެ ކުއްޖެއްގެ ކިބައިގައި ހުންނަ ހުނަރުތައް ދެނެގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އެ ހުނަރެއް ތަރައްޤީކޮށް އެ ކުއްޖަކަށް ވީހާވެސް ގިނަ ފުރުޞަތުތައް ހޯދައިދިނުން މުހިންމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެ އެސޯސިއޭޝަނަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި އެކި ގޮތްގޮތުން އެ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ސެޓްފިކެޓުވެސް ދީފައިވެއެވެ. މި ފަރާތްތަކާއި ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެސޯސިއޭޝަންގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އުފެދުނީ 2010ވަނަ އަހަރުއެވެ. މި އެސޯސިއޭޝަންގެ މަޤުޞަދަކީ ރާއްޖޭގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެކި ކަހަލަ ފަރުވާތައް ފޯރުކޮށްދީ އެ ކުދިންނަށް ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދީ މަދަރުސީ މާޙައުލަށް ތައްޔާރުކުރުމެވެ. އަދި އެ އެސޯސިއޭޝަންގެ ފަރާތުން އޯޓިޒަމް ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ ޕްރޮގުރާމްތައްވެސް ހިންގައެވެ.
މިވީ 15 އަހަރު ދުވަހުގެ ތެރޭގައި 1،800 އެއްހާ ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަނުން ޚިދުމަތް ދީފައިވެއެވެ. މިހާރުވެސް 168 ކުދިން އެ އެސޯސިއޭޝަނުން ޚިދުމަތް ހޯދަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ