ކޮވިޑާ ގުޅިގެން މާބޮޑު ޚަރަދެއް ނުކުރޭ، ހިލޭ އެހީގެ 50 ޕަސަންޓު ވެސް ބޭނުން ނުކުރޭ: ސައީދު
ކޮވިޑު-19ގެ ހާލަތުން އަރައިގަތުމަށް މިދިޔަ ސަރުކާރުން މާބޮޑު ޚަރަދެއް ނުކުރާ ކަމަށާއި ގައުމުތަކުގެ ފަރާތުން ލިބުނު ހިލޭ އެހީގެ 50 ޕަސަންޓު ވެސް ބޭނުން ނުކުރާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަން، "ރިޔާސީ ބަޔާން 2025"ގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި މިދިޔަ ސަރުކާރަށް ކުރަންޖެހުނު މާ ބޮޑު ޚަރަދެއް ނެތް ކަމަށެވެ. އެއީ އެ ހާލަތުން އަރައިގަތުމަށް މިދިޔަ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި އަށް ބިލިއަނެއްހައި ރުފިޔާ ލިބުނީތީ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެހެން ނަމަވެސް އެއިން 50 ޕަސަންޓު ވެސް ޚަރަދުކޮށްފައިނުވާ ކަމަށެވެ. "އަޅުގަނޑު ހަނދާންވާ ގޮތުން އަށް ބިލިއަން ރުފިޔާ އެބަހުރި ލިބިފައި އެކިއެކި ގޮތްގޮތުން ކޮވިޑުގެ ހާލަތުގައި. އެހެން ނަމަވެސް އެއިން 50 ޕަސެންޓް ވެސް ނެތް ސްޕެންޑްކޮށްފައެއް. އެހެންމާ އޭގެ މާނައަކީ ކޮވިޑާ ގުޅިގެން ކޮންމެހެން ދިވެހި ދައުލަތުން ކުރަންޖެހުނު މާ ބޮޑު ޚަރަދެއް ނެތޭ. އެހެން ނަމަވެސް ބޭރުން ލިބުނު އެހީއާ އެއްކޮށް ސެޓްއޮފްވާ ގޮތަށޭ ކަންކަން އިންތިޒާމުވެފައި ހުރީ" ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ސައީދުގެ ވާހަަކައިގައި މިދިޔަ ސަރުކާރުން ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ ވާހަކައަށް އަލިއަޅުވާލެއްވިއެވެ. ސައީދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ދައުލަތުގެ ހުރިހާ ކުންފުންޏެއްގެ ހާލަތު ވެސް އޮތީ ވަރަށް ގޯސްކޮށެވެ. އެ ކުންފުނިތަކުން، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް މުވައްޒަފުންނަށް ވަރަށް ބޮޑެތި މުސާރަތައް ޖަމާކޮށްފައިހުރި ކަމަށް ވެސް ސައީދު ވަނީ ތުހުމަރު ކުރައްވާފައެވެ. ސައީދު ވިދާޅުވާ ގޮތުގައި އެއީ ވޯޓު ހޯދުމަށް ޓަކައި މިދިޔަ ސަރުކާރުން ކުރި ކަމެކެވެ. "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގާތްގަނޑަކަށް 9.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް. ހުސް ދަރަނި. ސަލާމަތުން އޮތް އެއް ކުންފުނި ވެސް ނެތް. އެ ހާލަތް ވެސް ބައްދަލުކުރި. ދެން އަނެއްކާ [ރިޔާސީ] އިންތިޚާބާ ދިމާކޮށް ކޮންމެ ކުންފުންނަކަށް އެކިއެކި ސިނާއަތްތަކުގައި ތިބި ހަރަކާތްތެރި އިގުތިސާދީ އެތައް ވަސީލަތެއް ގެނެސްގެން ކުންފުނިތަކުގެ ޕޭރޯލްއަށް ވަރަށް ބޮޑެތި މުސާރަ ޖަމާކޮށްފައި ހުރީ، ވޯޓު ޔަގީންކުރަން ވެގެން" ސައީދު ވިދާޅުވިއެވެ. ކޮވިޑް-19އާ އެކު ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ ގުޅިގެން މިދިޔަ އެމްޑީޕީގެ ވެރިކަމުގައި މާލީ ޒިންމާގެ ގާނޫނުން ބައެއް ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރިއެވެ. އެމްޑީޕީން ބުނީ، ފައިސާ ޗާޕުކުރަން ޖެހުނީ އިގުތިސާދު ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ސަރުކާރަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކިއެކި ނަންނަމުގައި ދޫކޮށްފައިވެއެވެ. https://sun.mv/194060 ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯހުން ގޯހަށް ދިޔައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކަންކޮށްފައި އޮތް ގޮތުން ކަމަށް ބުނެ މި ސަރުކާރުގެ ވެރިންދަނީ އެ ވާހަކަ ދައްކަވަމުންނެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިނުގެންނެވި ނަމަ، ގައުމު ބަނގުރޫޓުވާނެ ކަމަށް ވެސް ދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ