ވަޅިއަކާއެކު މަގުމަތިން ހުއްޓުވުމުން ބުނީ، ހަނދާން ނެތިގެން ވަޅި ޖީބަށް ލައިގެން ދެވުނީ ކަމަށް
މާލޭގެ މަގެއް މަތިން ވަޅިއަކާއެކު ހިފެހެއްޓި މީހަކު، ޖީބަށް ވަޅި ލައިގެން ބޭރަށް ދެވުނީ ހަނދާންނެތިގެން ކަމަށް ފުލުހުންނަށް މައުލޫމާތު ދިން ކަމަށް، ކްރިމިނަލް ކޯޓުގައި ހާމަކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައި ވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ މައްޗަށްވަނީ ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުކޮށްފައެވެ. އޭނާއަށް ދެކޮޅަށް ފުލުހުން ހުށަހަޅައިފައިވާ ހެކީގެ ގޮތުގައި ދީފައިވާ މައުލޫމާތުގައި ވަނީ، މާރާމާރީ ހިންގުމަށް ވެހިކަލެއްގައި މީހަކު ދުއްވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން، ޕެޓްރޯލްކުރަމުން ދަނިކޮށް ސައިކަލެއްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ މީހަކު ހުއްޓުވި ކަމަށެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން ވަޅިއެއް ފެނުނު ކަމަށާއި އެ ވަޅިއާ ބެހޭ ގޮތުން ސުވާލުކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށާއި ގޭގައި ހުއްޓާ ކުއްލިއަކަށް ރަހުމަތްތެރިއަކު ގުޅައި ކޮފީއަކަށް ދާން ބުނުމުން ހަނދާންނެތި ވަޅި ޖީބުގައި އޮއްވައި ބޭރަށް ދެވުނީ ކަމަށް އޭނާ ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ. ކޯޓު އަމުރުގައި ވަނީ އޭނާއަކީ އެބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައި ވާކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހަތް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ކުށްކުރިކަަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ވުމެވެ. އަދި ބަންދުގައި ބަހައްޓަންޖެހެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ