ޔުނައިޓެޑަށް ފަސޭހަ މޮޅެއް، ލެސްޓާއަށް ރެލިގޭޝަންގެ ބިރު
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުންޑްވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި. ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މި ލަނޑާ އެކު ހޮއިލުންޑް މިވަނީ 21 މެޗަށް ފަހު ފުރަތަމަ ފަހަރަށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ހޮއިލުންޑް އެންމެ ފަހުން ލަނޑެއް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެލެހަންޑްރޯ ގެނާޗޯއެވެ. މި ލަނޑުވީ ގެނާޗޯ ވެސް އެންމެ ފަހުން ކުޅުނު 24 މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑަށެވެ. ޔުނައިޓެޑުގެ ކުރިއަށް ކުޅޭ މުހިންމު މި ދެ ކުޅުންތެރިންގެ ދެ ލަނޑަކީ މި ދެ ކުޅުންތެރިންނަށް ލަނޑު ޖެހުމުގެ އާ ފެށުމަކަށް ވެގެންދާނެ ކަމަށް އެ ކްލަބުން އުންމީދުކުރެއެވެ. މެޗުގައި ޔުނައިޓެޑްގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު މިނެޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. މި ކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު ވަނީ 15 ވަނައިން 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ޔުނަައިޓެޑަށް ލިބިފައިވަނީ މިހާރު 29 މެޗުން 37 ޕޮއިންޓެވެ. ލެސްޓާ މިމެޗުން ބަލިވުމުން އޮތީ 17 ޕޮއިންޓާ އެކު 19 ވަނައިގައެވެ. މިހާރު ބާކީ ނުވަ މެޗު އޮތްއިރު ރެލިގޭޝަނުން ސަލާމަތްވާން އެ ޓީމަށް ކުރަންޖެހޭ މަސައްކަތް މިވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ