އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިނުމުން 50،000ރ.އިން ޖޫރިމަނާކޮށްފި

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 'އަމާން އުދަރެސް' ފްލެޓެއް، ބިދޭސީންގެ ލޭބާ ކުއާޓާއެއްގެ ގޮތަށް ކުއްޔަށް ދޫކުރުމުން، އެ ފްލެޓުގެ ވެރިފަރާތް 50،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ހައުސިން ސްކީމުތަކުގެ ދަށުން ދޫކުރާ ފްލެޓުތަަކަކީ ކުލި ދައްކާގޮތަށް މިލުކުކުރެވޭ ތަންތަން ކަމަށްވާއިރު، އެތަންތަނުގެ އަގު އެއްކޮށް ހަލާސްކޮށް، މިލްކުވުމުގެ ކުރިން އެހެން ބަޔަކަށް ކުއްޔަށް ދޫކުރުމަކީ ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައި މަނާ ކަމެކެވެ. މި ހާލަތުގައި ފްލެޓް އަތުލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އެކަމަކު، އެފަދަ މީހުންނާ މެދު ފިޔަވަޅު ނާޅާތީ، މިފަދަ ހައުސިން ސްކީމުތަކުގެ މަގުސަދާ ހިލާފަށް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައި ހުންނަ މައްސަލަތައް ބޮޑެވެ. އެގޮތުން، 8000އެއްހާ ރުފިޔާ މަހު ކުއްޔަށް ދައްކާ ގޮތަށް، ދޫކޮށްފައި ހުންނަ ފްލެޓުތައް ވެސް 25،000ރ.ގައި ދަނީ ކުއްޔަށް ދޫކުރަމުންނެވެ.
ބުނީ ކީކޭ؟ - އެފްޑީސީން މިއަދު ބުނި ގޮތުގައި، 'އަމާން އުދަރެސް'ގެ ތިން ކޮޓަރީގެ ފްލެޓެއްގެ ތެރެއިން ދެ ކޮޓަރި ލޭބާ ކުއާޓާއެއްގެ ގޮތަށް، ނޭޕާލު ބަޔަކަށް ކުއްޔަށްދީފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިމަހުގެ ކުރީ ކޮޅެވެ. އެ ތަނުން ބުނީ:
އެ މައުލޫމާތު ލިބުމާ އެކު، އެކަން ބަލައި އުސޫލުގެ ތެރެއިން ޖޫރިމަނާކޮށްފައިވާނެ އަދި 10 ދުވަސް ތެރޭ އެތަނުން ބިދޭސީން ހުސްކުރަން އަންގާފައިވާނެ
މިހާރު އެތަނުގައި ދިރިއުޅެނީ ފްލެޓުގެ ވެރިފަރާތް އެކަނި
މީގެ އިތުރުން، އަމާން އުދަރެސް ފްލެޓުތަކުގެ މަހު ކުއްޔަކީ 9000ރ. ކަމަށްވާއިރު 25،000ރ.އަށް ވުރެ ބޮޑު އަގުގައި އެތަންތަން އެހެން މީހުންނަށް ކުއްޔަށް ދޫކުރާ މައްސަލަތަކާއި މާލޭގައި ނޫޅޭ ބަޔަކަށް ލިބިފައިވާ ފްލެޓެއް، އެހެން ރަށެއްގައި ދިރިއުޅެމުން ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާ މައްސަލައެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެފްޑީސީން ބުންޏެވެ. އެ މައުލޫމާތުގެ ސަައްހަކަން ކަށަވަރުކުރަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސޯޝަލް ހައުސިންގެ ދަށުން ސަރުކާރު ދޫކުރާ ފްލެޓުތަކަކީ، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޫކުރާ ތަންތަން ކަމަށްވާއިރު، އެއްބަސްވުމާ ހިލާފަށް އެހެން ބަޔަކަށް އެތަންތަން ކުއްޔަށް ދޭނަމަ އެ ތަންތަން އަތުލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
އަދި އެފަދަ ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ، ގާނޫނުގައި ހިމަނައިގެން ނަމަވެސް އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު އޭގެ ގިނަ ފްލެޓުތައް މިހާރު ވެސް ކުއްޔަށްދީފައި ހުރިއިރު، އެކަމަށް މިހާތަނަށް ސަރުކާރުން ވެސް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ