ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ ގަރާރު ބާތިލްކުރަން ކޯޓަށް
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބާއްވަން ފެނޭތޯ ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބާއްވާނީ ލޯކަލް ކައުންސިލް އިންތިހާބާ އެކީ އޭޕްރިލް 4 ގަ އެވެ.އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ ގާނޫނުއަސާސީ އަށް ގެނައި އަށް ވަނަ އިސްލާހާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ގަރާރު ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ."އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން އެއާ މެދު ވަގުތީ އަމުރެއް އެބަނެރެންޖެހޭ ވޯޓުލުމުގެ ކަންކަން ހުއްޓުވުމަށްޓަކައި. [އެގޮތަށް ހުށަހެޅީ] އެހެން ނޫން ކަމުގައި ވާ ނަމަ، ރާއްޖޭގެ ރައްޔިތުންނަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމުގެ ބިރު އޮތަތީވެ،" މައުރޫފް ވިދާޅުވި އެވެ.މީގެ އިތުރުން، މި ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅު ހެދުމުގެ ގޮތުންނާއި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.މި ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަން ހާއްސަ ޓާސްކްފޯސްއެއް ވެސް އެ ޕާޓީން ވަނީ އެކުލަވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ