މިދިޔަ އަހަރު ކާބޯތަކެތީގެ އަގު 4.7 ޕަސެންޓު އުފުލުނު، ސަބަބަކީ ޑޮލަރު ތާށިކަން މިދިޔަ އަހަރު ކާބޯތަކެތީގެ އަގު 4.7 ޕަސެންޓު އުފުލުނު، ސަބަބަކީ ޑޮލަރު ތާށިކަން

މިދިޔަ އަހަރު ކާބޯތަކެތީގެ ބައެއް ބާވަތްތަކުުގެ އަގު ވަރަށް ބޮޑަށް އުފުލުނު ކަމަށާއި، އެ ބާވަތްތަކުގެ އަގު ބޮޑު ވާން މެދުވެރިވީ މައިގަނޑު ސަބަބަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ނިމުނު އަހަރުގެ ސީޕީއައި އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އިންފްލޭޝަން ހުރީ ހަތަރު ޕަސެންޓަށް ވުރެ މަތީގަ އެވެ. މިއީ އޭގެ ކުރީ އަހަރުގައި އިންފްލޭޝަން ހުރި 1.40 ޕަސެންޓަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އިތުރުވުމެކެވެ.
މިދިޔަ އަހަރު އެންމެ ބޮޑަށް އަގު އުފުލުނީ ދުންފަތާއި ދުފަން ގެންގުޅޭ ފޯކުންނެވެ. އަހަރުންއަހަރަށް އަޅައިބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 80 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިފަ އެވެ.
ދުންފަތާއި ފޯއް ނަގާފައި، އެންމެ ބޮޑަށް އަގު އުފުލުނީ ކާބޯތަކެތީގެ ބާވަތްތަކުންނެވެ. މުޅި އަހަރުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް 4.7 ޕަސެންޓު އުފުލުނުއިރު، އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ކާއްޓާއި، ޓޮމާޓޯ އާއި، އާފަލުގެ އިތުރުން ކަނޑުމަހާއި ލެޓިއުސް އާއި ކިޔުކަމްބާ ވެސް ހިމެނެ އެވެ.
"[ކާބޯތަކެތީގެ ބާވަތްތަކުގެ އުފުލެން] މައިގަނޑު ގޮތެއްގައި މެދުވެރިވީ އިމްޕޯޓަރުންނަށް ބޭރު ފައިސާ ލިބުން ދަތިވުމާއި، ދިވެހި ފައިސާގެ އަގު ދަަށަށް ގޮސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވުމުން،" ސީޕީއައި ރިޕޯޓުގައި ބުންޏެވެ.
މިދިޔަ އަހަރު އަގުތައް އެންމެ ބޮޑަށް އުފުލުނީ ރޯދަ މަސް އައި ދުވަސްވަރު، މާޗު މަހުގަ އެވެ. ބައެއް ބާވަތްތަކުގެ އަގު އަހަރުގެ ތެރޭގައި އުފުލެމުން އައިސްފައި ވަނީ، ސަޕްލައި ތާށި ކަމާ ހުރެ ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައި ވެ އެވެ.
ޑޮލަރު ތާށިކަމުގެ ނުރަނގަޅު އަސަރު އަގުތަކަށް ކުރިއިރު، އިމްޕޯޓަރުންނަށް ޑޮލަރު ލިބޭނެ ގޮތް ފަހިކޮށްދޭން ސަރުކާރުން އަންގައިގެން ބޭންކް އޮފް މޯލްޑިވްސް އިން ހަދާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ދޭ މިންވަރު މަތި ވެސް ކުރި އެވެ. މި މަތި ކުރުމާ އެކީގަ ވެސް ގިނަ ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން ކަމަށް އިމްޕޯޓަރުން އަންނަނީ ބުނަމުންނެވެ.
ކަޅު ބާޒާރުގައި މި ވަގުތު ޑޮލަރެއްގެ އަގު ހުރީ 19.90ރ. އިން މަތީގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާ ބޮޑު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ