ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މިދިޔަ މަހު 15 މިލިއަން ޚަރަދުކުރި

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މިދިޔަ މަހު 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން މިއަދު ވަނީ، ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ ޕްރޮގްރާމުގައި ހިމެނިފައިވާ މީހުންނަށް މިދިޔަ މަހު ދީފައިވާ މާލީ އެހީގެ ހިސާބުތައް ހާމަކޮށްފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، ފަގީރު ހާލުގައި ދަރިން ބަލަހައްޓާތީ 2،974 ބެލެނިވެރިންނަށް މާލީ އެހީ ލިބެއެވެ. އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، މާލީ އެހީ ލިބޭ ކުޑަކުދިންގެ އަދަދު 3،066އަށް އަރައެވެ. https://x.com/NSPAmaldives/status/2026183589839429880 އެ ދަފުތަރުގައި މިދިޔަ މަހު 99 ބެލެނިވެރިންނާއި 191 ކުޑަކުދިން ރަޖިސްޓްރީކޮށްފައިވެއެވެ. އެ ހުރިހާ އެންމެންނަށް މިދިޔަމަހު، އެންސްޕާއިން ވަނީ 15.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެއިތުރަށް، އެ އެޖެންސީން ވަނީ، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީއެއް ނެތި، އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ބެލެނިވެރިންނަށް ނިމުނު ޖަނަވަރީގައި ދީފައިވާ އެހީގެ ތަފުސީލުތައް ހާމަކޮށްފައެވެ. މިގޮތުން، އެ ޕްރޮގްރާމުގެ ތެރެއިން 101 ބެލެނިވެރިންނާއި 137 ކުޑަކުދިންނަށް މާލީ އެހީ ލިބޭއިރު، އެ މީހުންނަށް މިދިޔަ މަހު ވަނީ، 187،500 ރުފިޔާ ޚަރަދުކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، އެކަނިވެރި މައިންނާއި ބަފައިންނަށް ވެސް ސަރުކާރުން އެލަވަންސެއް ދެއެވެ. މީގެ ހަ އަހަރުކުރިން، އޮކްޓޯބަރު 20، 2019ގައި، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފައެވެ. އޭގެފަހުން، މިދިޔަ ޑިސެމްބަރު 26ގައި އެންސްޕާއިން ވަނީ، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު 12،000 ރުފިޔާއާ ހަމައަށް މާލީ އެހީ ދޭން ނިންމާފައެވެ. އެއީ، ޖުމްލަ ހަތަރު ކުދީންނާ ހަމައަށް ކުއްޖަކަށް 3،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ