2 އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުވަން އެމްޑީޕީން ކޯޓަށް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބާއްވަން ފެނޭތޯ ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.
އެހެންވެ، މި މަހުގެ 16ގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އަންނަ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ނިންމާފަ އެވެ.
ތަފްސީލް - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން އެމްޑީޕީން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ ތަރުޖަމާން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ މައްސަލަ ކޯޓަށް މިއަދު ހުށަހަޅާނެ ކަމަށެވެ.
ކޯޓަށް ހުށަހަޅަނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެ ގަރާރާ މެދު ކޯޓުން ވަކި ގޮތެއް ނިންމަންދެން، ވޯޓުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެ މައްސަލާގައި އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން އެއާ މެދު ވަގުތީ އަމުރެއް އެބަނެރެންޖެހޭ ވޯޓުލުމުގެ ކަންކަން ހުއްޓުވުމަށްޓަކައި. [އެގޮތަށް ހުށަހެޅީ] އެހެން ނޫން ކަމުގައި ވާ ނަމަ، ރާއްޖޭގެ ރައްޔިތުންނަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމުގެ ބިރު އޮތަތީވެ،" މައުރޫފް ވިދާޅުވި އެވެ.
މީގެ އިތުރުން، މި ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅު ހެދުމުގެ ގޮތުންނާއި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އެނގުން މުހިންމު - މި ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި  އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަން ހާއްސަ ޓާސްކްފޯސްއެއް ވެސް އެ ޕާޓީން ވަނީ އެކުލަވާލާފަ އެވެ.
އެނގުން މުހިންމު - ގާނޫނުއަސާސީއަށް ސަރުކާރުން މި އިސްލާހު ގެނައީ ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ބުނެ އެވެ.
މި އިސްލާހު ތަސްދީގުކުުރެއްވުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި
ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް
އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ