ފުވައްމުލައް ސިޓީން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަނެއްކާވެސް އަމުރުކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ، ދޫޑިގަން. ޒަމާނީގެ / ޏ.ފުވައްމުލައް، ޙަސަން ޢާޒިމް އާއި ދޫޑިގަން. ކަރަންކާވިލާ / ޏ.ފުވައްމުލައް، އަޙްމަދު ނިއުޝާދުއެވެ. ޝަރިއަތް ނިމެންދެން އެމީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ، ފުލުހުން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށް، މީގެ އަހަރެއް ކުރިން ވަނީ އެ ދެމީހުންގެ މައްޗަށް މަނީލޯންޑަރިން ދައުވާ ކޮށްފައެވެ. އެންމެ ފުރަތަމަ އެ މީހުން ހައްޔަރުކުރީ، ޑިސެމްބަރު 9 2024 ގައެވެ. އޭގެފަހުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ނަމަވެސް، ދައުލަތުން ވެސް އެއްބަސްވާ ގޮތަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 9 ގައި އެ މީހުން މިނިވަންކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ، މިދިޔަ އަހަރުގެ މާރިޗު 18 ގައެވެ.
ފުލުހުން މިފަހުން ދެ މީހުން ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފާލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް ވަނީ، 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުވައްމުލަކުން ހައްޔަރުކުރި މަސްތުވާތަކެތީގެ ދެ ބޮޑުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ