ރޯދައަށް ވިޔަފާރި ކުރާއިރު ސްކޭމަރުންނަށް ސަމާލުވާން އެދިއްޖެ

ރޯދައަށް ވިޔަފާރި ކުރަން އުޅޭއިރު ސްކޭމަރުންނަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ، ރޯދަ މަހަށް ތައްޔާރުވުމަށް ވިޔަފާރި ކުރުމުގައި އުޅޭއިރު ސްކޭމަރުން ދަނީ މިފަދަ ދަނޑިވަޅުތަކުގެ ފައިދާ ނަގާ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ތަފްސީލް - އެ ވީޑިއޯގައި އެންޓި ސްކޭމް ސެންޓަރުގެ ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވިދާޅުވީ މި ދުވަސްވަރު ފޭސްބުކް މާކެޓްޕްލޭސް ފަދަ އޮންލައިންކޮށް ވިޔަފާރިކުރާ ޕްލެޓްފޯމުތަކުގައި ހިނގާ ސްކޭމުތައް މިދުވަސްވަރު ގިނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރޯދަ އަށް ތައްޔާރުވާ ތައްޔާރުވުމުގައި އޭގެ ނާޖައިޒު ފައިދާ ސްކޭމަރުން ނަގަމުންދާކަން،" އޭނާ ވިދާޅުވި އެވެ.
ޝަހުނީޒު ވިދާޅުވީ ފައިސާ ފޮނުވާއިރު އެއީ އަސްލު ވިޔަފާރިއެއްތޯ ޔަގީން ނުކޮށް ފައިސާ ނުފޮނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ސައްހަ ވިޔަފާރިއެއްތޯ ކަށަވަރު ކުރެވޭނެ ބިޒްނަސް ޕޯޓަލްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ވިޔަފާރި ކުރައްވާއިރު ފަރުދުންގެ އެކައުންޓުތަކަށް ޓްރާންސްފާ ނުކުރެއްވުން. ވިޔަފާރި އެކައުންޓެއްތޯ ބައްލަވާފަ ނޫނީ ޓްރާންސްފާ ނުކުރެއްވުން. އޭގެ އިތުރަށް މުދާ ލިބުނީމަ ނޫނީ ފައިސާ ނުފޮނުވުން."
ފުލުހުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު ޔަގީންކަން ނެތް ލިންކުތަކަށް ނުފިއްތުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އަމިއްލަ ބޭންކިންގް މައުލޫމާތާއި އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ